ޚަބަރު

ކޯވިޑް-19 : މިއަދުވެސް 3 މީހުން ނިޔާވެ، 48 ގަޑިއިރުތެރޭގައި 8 މަރު


ކޯވިޑް-19 ބަލީގައި މިއަދުވެސް އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ. މިއާއެކު ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރާއްޖެއިންވަނީ 8 މީހުން ކޯވިޑް-19 ބަލީގައި ނިޔާވެފައެވެ.

އެޗްއީއޯސީން ހާމަކުރެއްވިގޮތުގައި މިއަދު ނިޔާވި ފުރަތަމަ މީހަކީ ރޭ ފަތިހު 0347ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް ނިޔާވި އުމުރުން 60 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 80 ވަނަ މީހާއެވެ. މިމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގައެވެ. މިއަދު ނިޔާވި ދެވަނަ މީހަކީ ކ.މާފުށީގައި ނިޔާވި ޢުމުރުން 37 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ހެނދުނު 0750ހާއިރު މިމީހާ ނިޔާވެފައިވަނީ ޕޮޒިޓިވްވުމާއި ގުޅިގެން މާފުށީގައި އެކެހެރިކޮށްފަ ހުއްޓާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 81 ވަނަ މީހާއެވެ.

މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 81 އަހަރުގެ ދިވެހިން އަންހެނެއް ކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. މިމީހާ ނިޔަވެފައިވަނީ މެންދުރު 0246 ހާއިރުކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 82 ވަނަ މީހާއެވެ.

މިއަދު މިބަލީގައި ތިންމީހަކު ނިޔާވެފައިވާއިރު އިއްޔެއަކީ މިބަލީގައި ރާއްޖެއިން ރިކޯޑު ޢަދަދަކަށް މީހުން ނިޔާވި ދުވަހެކެވެ. އެގޮތުން އިއްޔެވަނީ ބަލީގައި 5 މީހަކު ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ނައިފަރުން މަރުވި 2މީހުންނާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި 2 މީހުންނާއި އއ.ރަސްދޫއިން މަރުވި މީހެކެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު ގޯސްވަމުން އަންނައިރު ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާނަމަ ބަލީގައި މަރުވާ މީހުން އިތުރުވާނެކަމަށް އެޗްއީއޯސީއިންވަނީ މީގެ ކުރިންވެސް ހާމަކުރައްވާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުވެސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށްވަނީ 33 ހާހަށްވުރެ ގިނަ މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ރާއްޖޭގައި 7600އަށްވުރެ ގިނަ މީހުންނަށް ކޯވިޑްޖެހިގެން އެކަހެރިކޮށްފައިވާއިރު މީގެތެރެއިން 203 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިހާތަނަށް ބަލީގައި 82 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 69 ދިވެހިންނާއި 13 ބިދޭސީންނެވެ.