ވިޔަފާރި

ކޯވިޑް-19: އަމިއްލަ އޮފީސްތައްވެސް ބަންދުކުރަން އެޗްޕީއޭއިން އަންގައިފި


އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތަކަށްވެސް ހާޒިރުވެގެން މަސައްކަތް ކުރުން މަޑުޖައްސައިލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައިވަނީ 2021 މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަންގާފައެވެ.

އަދި މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އަންނަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި ރޭގަނޑު 9:00 އިން މުދާ ވިއްކާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މީގެއިތުރުން މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަންވެސް އެޗްޕީއޭއިންވަނީ އަންގައިފައެވެ.