ޚަބަރު

އެނދާ ވެންޓިލޭޓަރު ހޯދިދާނެ، ސިއްޙީ ޚިދުމަތްތެރިން ހޯދާނީ ކޮންތާކުން؟


ކޯވިޑް-19ގެ ޙާލަތު ގޯސްވެގެން އިންތިޒާމު އިތުރަށް ވަރުގަދަކުރުމަށް ކަމާބެހޭ ހުރިހާ ފަރާތެއްގެ މަސައްކަތް އަލުން ފަށައިފިއެވެ. ބަލީގެ 4ވަނަ ރާޅުގައި ފިޔަވަޅުތައް ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނައިރު ބަލިޖެހޭ މީހުންނަށް ފަރުވާ ދޭނެ ވަޞީލަތް ހަމަކުރުމަށްވެސް އިތުރު މަސައްކަތްތަކެއް މިހާވަނީ ފަށާފައެވެ. އެހެންނަމަވެސް ބައްޔަށްވުރެ ކުރިއެރިދާނެތޯ މިހާރުމިވަނީ ސުވާލު އުފެދޭ ހިސާބަށް ގޮސްފައެވެ.

ސިއްޙީ ކުއްލިނުރައްކަލުގައި އެއްވެސް އަތަކަށް ނުޖެހި މިކަމުން އަރައިގަތުމަށް ފިޔަވަޅުތައް ހަރުދަނާކުރުމަށް ސިއްޙީ ތަޖުރިބާކާރުން އައީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ސިއްޙީ އެހީތެރިން މަސައްކަތްކުރައްވަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ވެއްޖެއެވެ. 24 ގަޑިއިރު ހޮސްޕިޓަލުތަކުގެ ވޯޑުތަކުގައި ދުނިޔޭގެ އެހެން ހުރިހާކަމެއް ދޫކޮށްލާފައި އެޚިދުމަތްތެރިން މަސައްކަތްކުރީ މުސާރައަކަށް ނޫނެވެ.

ޢާއިލާ ނުފެނި އަމިއްލަ ދަރިންނާއި މައިންބަފައިންގެ ކަންކަމުގައި ވަގުތު ހުސްނުކުރެވި އެކަންކަމަށް އިހުމާލުވެވެމުންދާކަމުގެ އިހުސާސާއެކުވެސް އަދިވެސް އެދަނީ ޤައުމީ ޚިދުމަތުން އަތްދޫކޮށްލުމެއްނެތި ކުރިއަށެވެ. އެހެންނަމަވެސް އެއީވެސް އިންސާނުންނެވެ. ވަރުބަލި ވާނެއެވެ. ޢާއްމު އުސޫލުން މަސައްކަތްކުރުމަށްފަހު ހަފްތާ ބަންދު ގައި އާރާމުކުރުމަށް ލިބުނު ދުވަސްތައް އެއީ މާޒީއަށް ވެއްޖެއެވެ. އެތައް އާދޭހެއް މިޙާލަތު ބަދަލުކުރުމަށްޓަކާ އެހީތެރިވުމަށް ކަންކަން ނިންމާ ފަރާތްތަކާއި ޢާއްމުންނަށް ކުރެވިއްޖެއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. އެހެންނަމަވެސް އަލުން ނެރެގެން ލާނެ ހިތްވަރެއްވެސް ނެތެވެ.

ޙާލަތު ބަދަލުކުރުމަށް އިތުރު އެނދުތައް އޮޕަރޭޝަނަށް ނެރުމަށް ނިންމާފައިވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު ސިއްޙީ އެހީތެރިން ހޯދުމަށްވެސް ވަނީ ޢިއުލާންކޮށްފައެވެ. އެކަމަކު އެއީ ކިހާ ކާމިޔާބުކަމަކަށްވެދާނެތޯ މިއީ ސުވާލެކެވެ. ސިއްޙީ ޚިދުމަތްތެރިންނާއި ސިއްޙީ ވަޞީލަތްތަކަށް މިވަގުތު މުޅި ދުނިޔެވެސް ވަނީ ޖެހިފައެވެ.

އެއްވެސް ޤައުމަކުން އެޤައުމުގެ ރައްޔިތުން ދޫކޮށް އެހެން ޤައުމަކަށް މިފަދަ ވަޞީލަތް ބޭނުންވާ މިންވަރަކަށް ދޫކުރާނެކަމަކަށް ނުބެލެވެއެވެ. ރާއްޖޭގައި ޚިދުމަތަށް ނިކުންނަން ޑިމާންޑާއެއްވަރަށް މީހުންނެއް ނެތެވެ. އެނދުތަކާއި ވޯޑުތައް ޤާއިމުކުރިނަމަވެސް ބަލި މީހުންނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހެނިހެން އެހީތެރިން ނެތްނަމަ އެއްވެސް ފެސިލިޓީގެ ބޭނުމެއް އެބައޮތްތޯއެވެ.

ބަލީގައި ނުރައްކަލަށް ހުށައެޅޭ މީހުންނަށް ފަރުވާދޭނެ ބަޔަކު ނެތި މަރުވަމުންދާ މީހުން އަވައްޓެރި އިންޑިއާއިން ކޮންމެ ދުވަހަކުވެސް އަންނަނީ ފެންނަމުންނެވެ. މިޤައުމު އެޙާލަތަކަށް ދިޔުމުގެ އިންޒާރު ސިއްޙީ ދާއިރާގެ ބޭފުޅުން އަންނަނީ ދެއްވަމުންނެވ.

ހިތާމައަކީ އަދިވެސް މިއީ އާދައިގެ ރޯގާއެއްކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވުމެވެ. އެކަން އިނގެނީ ރައްކާތެރިކަމުގެ އެއްވެސް އިމެއް ނެތި މަގުތަކުގައި އުޅޭ ގުރޫޕުތައް އިތުރުވުމެވެ. ތިމާގެ ކޮންޓެކްޓް ބަބްލްގައި ނުހިމެނޭ މީހުންނާ ބައްދަލުވާނެ އެތައް އެއްވުންތަކެއް ބާއްވާކަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން ފެނެއެވެ.

ރާއްޖޭގައި ތިބި ސިއްޙީ އެހީތެރިން ގެތެރޭގައި މާލެ ސަރަޙައްދުގައި މިވަގުތު 328 ޑޮކްޓަރުންނާއި 1100 ނަރުހުންނާއި 127 ލެބްޓެކްނީޝަނުން ތިބިއިރު އަތޮޅު ތެރޭގައި 486 ޑޮކްޓަރުންނާއި 1179 ނަރުހުންނާއި 196 ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި 238 ލެބް ޓެކްނީޝަނުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

5 ލައްކަ މީހުންގެ އާބާދީއަކަށް ކޯވިޑާއެކު އެނޫންބަލިތަކަށްވެސް ފަރުވާދެއްވަން ތިއްބެވީ 249 ސްޕެޝަލިސްޓުންނާއި، 565 މެޑިކަލް އޮސިފަރުންނާއި، 2279 ނަރުހުންނާއި، 196 ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި 365 ލެބް ޓެކްނީޝަނުންނެވެ.

ސިއްޙީ ޚިދުމަތްތެރިން މަދުވެއްޖެއެވެ. ބައްޔަށް ހުށެއެޅެމުން އަންނަ ސިއްޙީ ޚިދުމަތްތެރިންވެސް އިތުރުވެއްޖެއެވެ. މިޙާލަތު ބަދަލުކުރެވޭނީ ކަމާބެހޭ ފަރާތްތަކާއި ޢާއްމުން ގުޅިގެންނެވެ. އެއްބަޔަކު އެކަނި ކުރާ މަސައްކަތުން ނަތީޖާއެއް ނުފެންނާނެއެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަ ޖެހެނީ ފާޑުކިޔުން އެއްފަރާތްކޮށް އެހެން މީހުންގެ ކުށްދެއްކުން ހުއްޓާލުމެވެ. އަނެކާގެ ޒިންމާ ހަނދާންކޮށްދިނުމުގެ ބަދަލުގައި އެމީހަކު އެމީހެއްގެ ޒިންމާ ނަގައިގެންނެވެ. އެއީ ފަރުދީވިޔަސް އަދި ހިންގުންތެރިންވިޔަސްމެއެވެ.