ވިޔަފާރި

ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަން އަންގައިފި


މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަން އެޗްޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ ޞަރަޙައްދު ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި، ސިނަމާތަކާއި ސެލޫންތައް ބަންދުކުރުމަށް އަންގާފައެވެ.

އަދި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދިޔުމާއި ގުޅިގެން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަކަށް އަންނަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި ރޭގަނޑު 9:00 އަކުން މުދާ ވިއްކާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.