ޚަބަރު

ކޯވިޑް-19 : 24 ގަޑިއިރުގެ ތެރޭގައި ދެވަނަ މަރު


ޅ.އަތޮޅު ހޮސްޕިޓަލްގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިއީ ވޭތުވެދިޔަ 24ގަޑިއިރު ތެރޭގައި ރާއްޖެއިން މި ބަލީގަ ނިޔާވި ދެވަނަ މީހާއެވެ. އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 83އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

މިމީހާ ނިޔާވެފައިވަނީ ޅ.ނައިފަރުގައި ހުންނަ، ޅ.އަތޮޅު ހޮސްޕިޓަލްގައި ކޯވިޑަށް ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 12:30ހާއިރުއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 76ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައިވަނީ 66 ދިވެހިންނާއި 10 ބިދޭސީންނެވެ.

ކޯވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 03:18ހާއިރުވެސްވަނީ މީހަކު ނިޔާވެފައިވެއެވެ. ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތަކުގެ އަދަދު އިތުރުވެ ބަލީގެ ނުރައްކާވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޭސްތަކުގެ އަދަދު އިތުރުވެ، ދުވާލަކަށް ފެންނަ ކޭސްގެ އަދަދު މިހާރުވަނީ 700އިން މައްޗަށް އަރާފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން 198 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.