ސިއްހަތު

ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް އަންނަ އަހަރު ފަށަނީ


ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް 'ނެޝަނަލް ކާޑިއެކް ސެންޓަރު'ގެ ނަމުގައި ކެތުލެބެއް ގާއިމް ކުރުމަށް އައިޖީއެމްއެޗާއި އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ޤާއިމް ކުރެވޭ ކެތު ލެބްގެ ޚިދްމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވެން ފަށާނޭކަމަށް އައި.ޖީ.އެމް.އެޗުން ބުނެފިއެވެ.މި ސެންޓަރ ޤާއިމް ކުރުމުގެ އެއްބަސްވުމުގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރުއެވެ. އަދި މެޑިޓްރިނާ ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރް ޑރ. ޕްރަތާބްއެވެ.މި އެއްބަސްވުމުގެ ތަފްޞީލް މީޑިއާއި ހިއްސާ ކުރައްވަމުން ސީ.އީ.އޯ ފަރުހަތު ޝަހީރު،ވިދާޅުވީ، ދިވެހި ރާއްޖޭގައި ހިތުގެ ބަލި ޖެހޭ މީހުންގެ ނިޞްބަތް އިތުރުވަމުން އަންނައިރު، މިފަދަ މަރުކަޒެއް ޤާއިމްކުރުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށާއި، މި ފަދަ މަރުކަޒެއް ޤާއިމް ކުރުމަށް ކުރިން ކުރި މަސައްކަތް ލަސްވީ އެކަމަށް ކުރިމަތިވި ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށެވެ.  އެހެންނަމެސް މި މަރުކަޒު ޤާއިމް ކުރުމުގެ ފުރުސަތު ފަހިގެންދިޔައީ ސަރުކާރުން ކުރި މިންނެތް މަސައްކަތުގެ ދަށުން މިފަދަ ޚިދްމަތްދޭ އެކި އެކި ފަރާތްތަކާއި އެކު ކުރެވުނު މުއާމަލާތްތަކަށް ފަހުކަން އައިޖީއެމްއެޗުގެ ސީ.އީ.އޯ ފާހަގަކުރެއްވިއެވެ.އަދި ކެތުލެބެއް ޤާއިމްކުރުމަށް، މެޑިޓްރިނާ ހޮސްޕިޓަލާއި ހަވާލު ކުރީ އެހޮސްޕިޓަލުން ހުށަހެޅި ހުށަހެޅުން ދިރާސާ ކުރުމަށް ފަހު، އެއީ ދައުތަލަށް ގެއްލުން ނުވާނެ ގޮތަކަށް އެ މަސައްކަތް ކުރެވިދާނެ، އަދި މިކަމަށް އެންމެ އެކަށީގެންވާ  ބައެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވިގެންކަމަށްވެސް ފަރުހަތު ވިދާޅުވިއެވެ. އަދި މި ލެބް ގާއިމްކޮށް، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފަރުހަތު ވިދާޅުވިއެވެ.ޕީ.އެސް .އެމް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަރުހަތު ވިދާޅުވީ ކެތުލެބުގެ އުމްރާނީ މަސައްކަތްތައް ކުރާނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށާއި އެކަމަށް ގާތް ގަނޑަކަށް 7.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.ނެޝަނަލް ކާޑިއެކް ސެންޓަރުގެ ނަމުގައި،ޤާއިމް ކުރެވޭ ކެތުލެބުގެ ޚިދްމަތްތަކާއި ބެހޭ ގޮތުން ހިތުގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރ، ޑރ.އަލީ ޝަފީޤް ވިދާޅުވީ، މި ލެބް ވެގެންދާނީ ޒަމާނީ ވަޞީލަތްތަކާއި އެކު، އަދި ހިތުގެ ބަލީގެ ގިނަ ފަރުވާތަކާއި އޮޕަރޭޝަންތައް ކުރުމުގެ ޤާބިލްކަން ލިބިގެންވާ ލެބަކަށް ކަމަށެވެ.އިންޑިއާގެ މެޑިޓްރާނާ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރަތާބް ވިދާޅުވީ، ރާއްޖޭގައި މިސެންޓަރު ގާއިމް ކުރުމަށް ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.އެ ސެންޓަރުން މިހާރުވެސް އިންޑިއާގައި  ތޭރަ ކާޑިއެކް ސެންޓަރ ހިންގަމުންދެއެވެ.