ޚަބަރު

ކޯވިޑް ބަލީގަ މާބަނޑުމީހުންގެ ޙާލަތު ސީރިއަސްވޭ، ވެކްސިން ދިނުމަށް މަޝްވަރާކުރަނީ


މާބަނޑު މީހުންނަށް ވެކްސިން ދިނުމާގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިގޮތަށް ނިންމިނަމަވެސް ހުރިހާ މާބަނޑު މީހުންނަށް ވެކްސިން ނުދޭނެކަމަށެވެ. މަޝްވަރާ ކުރަމުންދަނީ ވަކި ޙާލަތްތަކުގައިވާ މާބަނޑު މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް މިކަމާގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެތެރެހަށީގެ ޑޮކްޓަރ، ޑރ.މުޙައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި މާބަނޑު މީހުންވެސް ކޯވިޑް-19އަށް ޕޮޒިޓިވްވަމުން އަންނަކަމަށެވެ. ކުރިން ފެނުނު ކޭސްތަކުގައި ބަލީގައި ބޮޑުވަރު ނުވިނަމަވެސް، ފަހުން ފެންނަމުންދާ ބައެއް ކޭސްތަކުގައި މާބަނޑު މީހުންގެ ޙާލު ގޯސްވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މާބަނޑު މީހުންނަކީ ހައިރިސްކް މީހުން. ކުރިން ބަލި ޖެހުނަސް އައިސީޔޫއަށް ލާކަށް ނުޖެހެ. ނަމަވެސް މިފަހުން ބައްޔަށް ޕޮޒިޓިވްވި މީހަކު ވަރަށް ހާލުދެރަވެ އައިސީޔޫގައި ފަރުވާދެމުންދޭ." ޑރ.މުޙައްމަދު އަލީ ވިދާޅުވިއެވެ.

މާބަނޑު މީހުންނަށް ވެކްސިން ދޭނަމަ ދޭނީ ފައިޒާ ވެކްސިންއެވެ. ފައިޒާ ވެކްސިންއަކީ މިހާތަނަށް ރާއްޖޭގައި ދެމުން އަންނަ، ރައްކާތެރިކަން އެންމެ ބޮޑު ވެކްސިންއެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 11ވަނަ ދުވަހުއެވެ. މިވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނީ މަރޗްމަހުއެވެ.

ފައިޒާ ވެކްސިން ދެނީ ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުން ހިމެނެއެވެ. މި ވެކްސިނަކީ އުމުރުން 16އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާއިރު، ރާއްޖޭގަ އުމުރުން 16އަހަރާ 18އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދާ ފައިޒާ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެދަށުން ރާއްޖެއަށް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިންގެ 5500ޑޯޒް ވަނީ ލިބިފައެވެ.