ވިޔަފާރި

މިފްކޯ މަސްފިހާރައިން ދެން ޚިދުމަތް ދޭނީ ދުވާލު އެކަނި


މާލެ ސަރަހައްދުގައި ކޯވިޑް ހާލަތު ގޯސްވުމާއި ގުޅިގެން މިފްކޯގެ މަސް ފިހާރައިން ޚިދުމަތް ދޭނީ ދުވާލު ގަޑީގައި އެކަނި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އާއްމުކޮށްފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން މީގެ ކުރިން މަސް ފިހާރަ ރޭގަނޑު 9:00އިން 22.30 އަށް ހުޅުވާފަ ހުރި ނަމަވެސް މިރެއިން ފެށިގެން ރޭގަނޑުގެ މިގަޑީގައި ފިހާރައިން ޚިދުމަތް ނުދޭނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސީ އެޗްޕީއޭއިން މިރެއިން ފެށިގެން މާލެ ސަރައްދުގައި ރޭގަނޑު 9:00އިން ފެށިގެން ފަތިހު 4:00 ކަރފިއު ހިންގުމަށް ނިންމާފައިވާތީ
އެޗްޕީއޭއިން އަޅާފައިވާ މިފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ މަސްފިހާރަ މިއަދުން ފެށިގެން ދެން ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން އާދިއްތަ ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 5:00އަށް، އަދި ހުކުރު ދުވަހު މެނދުރުފަހު 14:00އިން 17.00 އަށެވެ.

ރާއްޖޭގައ ކޯވިޑް ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މިމަހުގެ 15އިގެ ނިއަލަށް ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވަނީ ކަނޑައަޅުއްވާފައެވެ.