ޚަބަރު

ގުރުއަތުނެގުމަށް ހިޔާ ލިސްޓުގައި ހިމެނޭ ހުރިހާ ނަންތަކެއް އަދި ނުލިބޭ - އެޗްޑީސީ


ޕްލޭނިން މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ހިޔާ ފްލެޓަށް ހޮވުނު ބައެއް މީހުންގެ ނަންތައް ގުރުއަތުނެގުމަށް އެޗްޑީސީއަށް އަދި ލިބިފައިނުވާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްގެ ކަންކަން ފަށާނީ މި ލިސްޓްތަކުގެ ގުރުއަތުލުން ނިމުމުންކަމަށެވެ. ހައުސިންގ މިނިސްޓްރީއިން އެޗްޑީސީއަށް މިހާތަނަށް ފޮނުވި ލިސްޓްތަކުގެ ގުރުއަތުލުންވަނީ މުޅިން ނިމިފައެވެ.

އެޗްޑީސީން ވިދާޅުވީ މިހާތަނަށް ހައުސިންގ މިނިސްޓްރީން ފޮނުވި ލިސްޓުގައި ހިމެނެނީ 5603 މީހުންގެ ނަންކަމަށެވެ. މި ހުރިހާ މީހުންގެ ގުރުއަތު ނެގުންވެސް މިހާރުވަނީ ނިމިފައެވެ. ބައެއް ފަރާތްތަކުގެ ނަންތައް އެޗްޑީސީއަށް މިހާތަނަށް ލިބިފައި ނުވަނީ، ޕްލޭނިންގ މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން 1،117މީހުންގެ ލިސްޓު އެޗްޑީސީއަށް އަދި ލިބިފައެއް ނުވެއެވެ.

ހިޔާ ހައުސިން މަޝްރޫޢުގައި ޖުމްލަ 6720 ހައުސިންގ ޔުނިޓް ހިމެނެއެވެ. މީގެތެރޭގައި ވާދަވެރިކޮން ހޮވާ ކެޓަގަރީތަކުގެ އިތުރަށް، މީގެކުރިން އެކި ޕްރޮޖެކްޓްތަކުން ހައުސިންގ ޔުނިޓަށް ހޮވި ފްލެޓް ލިބިފައި ނުވާ މީހުން ހިމެނެއެވެ.

އެޗްޑީސީން ވިދާޅުވީ މިހާތަނަށް ނުލިބިވާ ނަންތަކުގެ ތެރޭގަ ބައެއް އެހެން ކެޓަގަރީގައި ހިމެނޭ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓު ހިމެނޭކަމަށެވެ. އަދި ދާއިމީ ލިސްޓު އާއްމުކުރި ނަމަވެސް، ބައެއް މީހުންގެ މަޢުލޫމާތުތައް އިތުރަށް އޮޅުންފިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިންގ މިނިސްޓްރީންވެސް ވިދާޅުވެއެވެ. އަދި މީގެއިތުރަށް ފަންނީ ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، އެހެން މަޝްރޫޢަކުން ފްލެޓް ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ދީފައިވެއެވެ. މިއާއެކު ހިޔާ ލިސްޓަށް ބައެއް އުނިއިތުރު އައުމުގެ ފުރުޞަތު އެބައޮތެވެ.

އެޗްޑީސީން މީގެކުރިން ވިދާޅުވީ 10ވަރަކަށް ދުވަހުގެ ތެރޭގައި ގުރުއަތު ނިންމާ އެގްރިމެންޓްގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް ބައެއް މީހުންގެ ނަންތައް ނުލިބުމުގެ ސަބަބުން، ގުރުއަތުގެ ކަންކަން ނުނިމޭތީ އެގްރިމެންޓާ ޕޭމަންޓްގެ ކަންކަން ކުރިއަށްގެންދިއުންވަނީ ފަސްކޮށްފައެވެ. ނަމަވެސް ގުރުއަތުގެ ކަންކަން ނިމުނުހާ އަވަހަށް އެގްރިމެންޓްގެ ކަންކަން ފެށުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެންދަނީ އެގްރިމެންޓް އޮންނާނެގޮތާއި ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ފްލެޓްތަކުގެ ވެރިފަރާތުން އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން، އެގްރިމެންޓްގައި ހިމެނޭ ކަންކަމާއި ފައިސާ ދެއްކުމުގެ އުސޫލު އާއްމުކުރާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ފެށީ މިދިޔަމަހުގެ 21ވަނަ ދުވަހުއެވެ. އެދުވަހު ކުރިއަށްގެންދިޔައީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓުގެ ގުރުއަތު ނެގުމެވެ. މީގެތެރޭގައި 188މީހުން ހިމެނެއެވެ.