ވިޔަފާރި

ރިސޯޓް ހަދަން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުޙީބެއް


ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ އަލަށް ހުޅުވާލި ރަށްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމަށް 97 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އައު ރަށްތަކެއް ކަނޑައަޅާ އާއްމުކޮށް ހުޅުވާލީ މިދިޔަ އޭޕްރިލްމަހުގެ 9 ވަނަދުވަހުއެވެ. އެ މިނިސްޓްރީން ވަނީ 23 ރަށެއް 16 ފަރާތަކަށް ދިނުމަށް ހުޅުވާލާފައެވެ. މި ރަށްތައް ތަރައްޤީކުރަން ޝައުގުވެރިވާ ފަަރާތްތަކަށް މައުލޫމާތިދިނުމުގެ ބައްދަލުވުންތައް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބާއްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުވެސް ރިސޯޓް ތަރައްޤީކުރުމަށް ބައެއް ސަރަހައްދުތައް ވަނީ ހުޅުވާލާފައެވެ. އެފަހަރު 4 އަތޮޅަކުން 3 ރަށަކާއި ބިމެއް ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލިއެވެ. އެރަށްތަކުގެ ތެރެއިން އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވަނީ އެންމެ ރަށަކަށް ކަމަށާއި، މިދިޔަ މަހު އަލުން ހުޅުވާލިއިރު ކުރީ ބުރުގައި ހިމެނުނު ބައެއް ރަށްތައްވެސް ހިމަނާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރިސޯޓް ތަަރައްޤީކުރަން އަލަށް ހުޅުވާލި ރަށްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ ރާއްޖޭގައި ހުރި މިފަދަ އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

" ކުރީ ފަހަރާއި ޚިލާފަށް މިނިސްޓްރީންވެސް އެބަ މަސައްކަތްކުރަން އެކި ގޮތްގޮތަށް މަރކެޓް ކުރުމަށް، ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުންވެސް މަސައްކަތް ކުރައްވާ، އެކި އެކި އިންވެސްޓަރ ފޯރަމްތަކުގެ ތެރޭގައި މިގޮތަށް ހުރި ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ކިޔާދީ އިންވެސްޓްމަންޓްތައް ހޯދުމަށް،" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ އުއްމީދުކުރަނީ މިފަހަރު މި ހުރިހާ ރިސޯޓްތަކަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށެވެ. މިފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށެވެ. އެގޮތުން ގދ. އަތޮޅުން އެއް ފަޅެއްގައި ކައިރި ކައިރީ އޮތް 4 ރަށެއްވެސް ރިސޯޓް ތަރައްޤީކުރުމަށް ދޫކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މި ފަހަރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑް ހުށަހަޅަން ޖެހެނީ އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އަކަށެވެ.