ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިންތިހާއަށް ހަލުވެ ޙާލަތު ނުރައްކާވުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކޮށްފިއެވެ. އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައި މަވަނީ މިހާރުވެސް ރައްކާތެރިވުމުގެގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅޭގޮތުން އެސެންޓަރުން ވިދާޅުވީ ކޯވިޑް-19ގެ އާ ރާޅާއެކު އެސެންޓަރުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އިސްވެ ހުންނަވައި، ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި އެބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ރައީސުލް ޖުމްހޫރިއްޔާ ކޮންމެ ދުވަހަކު އޮންލައިން ކޮށް ބާއްވާނެ ކަމަށާ، ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ. ކޮންމެ ދުވަހަކު ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ބާއްވައިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހު ކޯވިޑް-19ގެ ހާލަތު ގޯސްވެ މާލެ ފުރަބަންދުކުރި ހިސާބުންނެވެ.
Vice President Mr.Faisal Naseem co-chaired the Health Emergency Coordination Committee meeting and discussed ways to address and strengthen measures to control current surge in cases @MoHmv @presidencymv pic.twitter.com/ojqmc4s2mD
— Health Protection Agency (@HPA_MV) May 5, 2021
ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭގައި ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ މެދުތެރޭގައެވެ. މިއާއެކު "ހެލްތު އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ" އުފައްދަވާ މައި ހުރިހާ އިދާރާތައް ގުޅިގެން، ބައްޔާއި ދެކޮޅަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ މަޝްވަރާތައް ފެށިއެވެ. އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު މައިގަނޑު މަސައްކަތަކަށްވީ ބަލި ރާއްޖެއަށް އަންނާނެކަމަށް ބަލައި ވައިގެ ބަނދަރުތަކާއި، ޕޯޓުތަކުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމެވެ. އަދި ބަލި ރާއްޖެއަށް އަތުވެއްޖެނަމަ ކަންކަން ރާވާ ހިންގާނެގޮތުގެ ޕްލޭންތައް އެކުލަވާލުމެވެ. އަދި އެއަށްފަހު ރާއްޖޭގެ ކޯވިޑް ހާލަތަށް ބަލައި އެންއީއޯސީ އުވާލައި އެޗްއޯސީ އުފައްދަވައި ކޯވިޑްއާ ގުޅޭ މަޝްވަރާތައް ކުރަންފެށިއެވެ.
އެޗްއީއޯސީގެ މަސައްކަތްތައް ފުޅާކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހަރުކަށި ފިޔަވަޅުތަކެއް އަޅަފައިވަނިކޮށެވެ. މިގޮތުން މިހާރު މިވަނީ ޕޮޒިޓިވް ކޭސްތައް 600 ހުރަސްކޮށްފައެވެ. ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް އިންތިހާއަށް އިތުރުވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަ މީހުންގެ އިތުރުވެފައިވާއިރު އައިސީޔޫތައް އަންނަނީ ފުރެމުންނެވެ.