ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 33އަށް އަރައިފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ދިއްދޫއިން ފެނުނު ކޮވިޑް ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 381 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެތެރެއިން 33 ސާމްޕަލްއެއް ޕޮޒިޓިވް ވެފައިވާއިރު 193 ސާމްޕަލެއް ވަނީ ނެގެޓިވްވެ، އަދި 155 ސާމްޕަލެއް ނަތީޖާ ނުލިބޭކަމަށް ހއ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
މޮނިޓަރިންގައި އޮތް ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ހައިރިސްކު މީހުންވެސް ހިމެނޭކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެރަށުން ކޯވިޑްގެ ކޭސްތަކެއް ފެނިފައިވާއިރު، ބަލިފެތުރިފައިވާ މިންވަރު ބެލުމަށް ރޭ އެރަށުގައި ވަނީ ރެންޑަމް ސާންޕަލް ނަގަން ފަށާފައެވެ. މީގެއިތުރުން އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު އިއްޔެ ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
ހޯމް ކަރަންޓީނުގައި ނެތް ފަރާތެއް ދިއްދޫން ޕޮޒިޓިވްވުމާއި ގުޅިގެން ކައުންސިލް އިދާރާއިން ވަނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އާންމު އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމާއި، ކުޅިވަރު ކުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ އަންގާފައެވެ. އަދި އެޗް.ޕީ.އޭގެ އުސޫލްތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަށް ދިނުމަށާއި، ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައި ވަގުތުތައް ހޭދަ ނުކުރުމަށާއި އަދި އެތަންތަނަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ވެއްދުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އަންގާފައެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޯވިޑް ބަލި ރައްޔިތުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، އެކަމަށް ރައްޔިތުން ސަމާލްވުމަށްވެސް ކައުންސިލް އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.