ޚަބަރު

ކުށުގެ ވެށިން ގެނެވޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށްފި


ކުށުގެ ވެށިން ގެނެވޭ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފިއެވެ.

މިކަމާގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއެކު ފުލުހުން ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާނުލެވި ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާތީ އެފަދަ ފަރާތްތައް ފަސޭހަކަމާއެކު ޑީޕޯޓްކޮށްލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވެއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނުފަދަ ތަކެއްޗާއި އެހެންވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާކަމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގުމުން ފެށިގެން ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ގިނަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑޮކިއުމަންޓްސް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެފަދަ ފަރާތްތަކުގެ ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސްތަކެއް ވަމުން އަންނާތީ މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ފަރާތްތައް ޑިޕޯޓްކޮށްލުމުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެލެއްވި އޮފިސަރުންވެސް ވަނީ ބިދޭސީންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންތައް ފޮމުވާލުމުގައި އެކި ކަހަލަ ލަސްވުންތައް ހުރުމުން އިތުރު މީހުން ނެގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ދެފަރާތުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާވާލެވޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ ބެލުމަށް ފޮލޯއަޕް އިތުރު ބައްދަލުވުމުންތައް ބޭއްވުމަށާއި މަސައްކަތުގައި ދިމާވާ ދަތިތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެެއެވެ.

ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި އިމިގްރޭޝަނާއި ފުލުހުން އަބަދުވެސް ގުޅިގެން މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނެގުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައިވެސް ދެފަރާތް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.