ވޭތުވެދިޔަ ހަފްތާވެގެންގޮސްފައިވަނީ ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށްވެސް ބޮޑުވި ހަފްތާއަކަށެވެ. ކޯވިޑްގެ ނުރައްކާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގައިވެސް އާބާދީގެ ގޮތުން ކޯވިޑަށް ޕޮޒިޓިވްވާ ނިސްބަތް ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ސިއްހީ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ކޯވިޑް-19ގެ ޙާލަތު ގޯސްވަމުން އަންނަކަން ކޮންމެ ދުވަހަކުވެސް އަދަދުތަކުން ފެނިދަނީ ހާމަވަމުންނެވެ. އެހެންނަމަވެސް މުޖުތަމަޢުތެރޭގައި ހުރި އެއްވެސް ކަމަކަށް ބަދަލެއް ނާދެއެވެ. މިރޯދަމަހު ރޯދަ ވީއްލުމާއި ތަރާވީސްދަމާއި ކުޅިވަރާއި ސިޔާސީ ޙަރަކާތްތަކާއި ޕާޓީތަކާއި ޙަފްލާތައް އަދިވެސް ބާއްވަމުން އަންނަކަން ފާހަގަކުރެވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިނަމަވެސް އޭގެ ފައިދާ ނުކުރަނީ ފިޔަވަޅުތަކަށް ސަމާލުވާންޖެހޭ މިންވަރަށް ނުވެވޭތީކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކޯވިޑްގެ ދުނިޔޭގެ ތަފާސްހިސާބު ދައްކާގޮތުން މިހާތަށް 152 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 3.2 މިލިއަނަށްވުރެ ގިނަ މީހުން މިބަލީގައި މިދުނިޔެ ދޫކޮށްފިއެވެ. ބަލީގައި މިވަގުތު އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައިވާ އެމެރިކާގައި 32 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު އެޤައުމުގެ ކަރވް މަޑުމަޑުން މިހާރުވަނީ ދަށްވާން ފަށާފައެވެ. އެހެންނަމަވެސް ބަލީގެ އިތުރު ވޭރިއެންޓް ފެނި ވެކްސިންއާއެކުވެސް އެމެރިކާގައި ބަލި އާއްމު ޙާލަތަކަށް ނުވަތަ ހާޑް އިމިއުނިޓީއަކަށް ދިޔުމާމެދު މިހާރު ސުވާލު އުފެދިފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. މިއީ ނުރައްކާ ވާހަކައެކެވެ. އެންމެ ކުރިއަރާފައިވާ އަދި ވަޞީލަތުގެ ގޮތުން ބޮޑު ޤައުމެއް މިޤައުމަށް ބަލިން އަރައިގަނެވޭނެ ކަމުގެ އުއްމީދު އަންނަނީ ގެއްލެމުންނެވެ.
ކޯވިޑް ބަލީގައި މިވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ޙާލަތު އެންމެ ގޯސްވަމުން އަންނަ އިންޑިއާއަށެވެ. އަވަށްޓެރި އިންޑިއާގައި ބަލީގެ ނުރައްކާ ބޮޑުވެ މެޑިސިން ހަދަމުން އަންނަ ދަރިވަރުން ޚިދުމަތަށް ނެރެފައިވާއިރު މުޅި ދުނިޔޭގައިވެސް ސިއްޙީ ފަރުވާގައި ކުރިއަރާފައިވާ އިންޑިއާގެ ސިއްޙީ ނިޒާމަށްވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އިންޑިޔާއިން ދުވާލެއްގެ މައްޗަށް 3 ލައްކަ މީހުން ޕޮޒިޓިވްވަމުން އަންނައިރު އެއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރު ޢަދަދެކެވެ. އެޤައުމުގައި ފަރުވާ ދޭނެ އެނދާއި އިންސާނީ ވަޞީލަތާއި އޮކްސިޖަން ނެތި މަގުމަތީގައި އެތައްބަޔަކު އަންނަނީ މަރުވަމުންނެވެ.
އިންޑިއާގެ ޙާލަތު ގޯސްވުމުގެ ސަބަބުން މުޅި ދުނިޔެއަށްވަނީ އިތުރު ނުރައްކަލަކާ ކުރިމަތިވެފައެވެ. މުޅި ދުނިޔެއަށް ބަލީގެ ދެވަނަ ރާޅެއް އައިސްފައިވާއިރު ކޯވިޑްގެ ފުރަތަމަ 6 މަސްދުވަހު ކޭސްތައް ފެނުނު މިންވަރަށްވުރެ މިދިޔަ އެއްހަފްތާތެރޭގައި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު އިތުރުވެފައިވާކަން ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއީ ރާއްޖެ ފަދަ ވަޞީލަތް މަދު ޤައުމުތަކަށް އެހީތެރިވެދޭން ތިބި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ހާލަތެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރައްވާފައިވާގޮތުގައި ބަލީގެ ނުރައްކާ ބޮޑުވެފައިވާ ހުރިހާ ޤައުމަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތައް ދިނުމުން އާއްމުން ބަލީގެ ބިރުވެރިކަންމަތިން ހަނދާން ނެތުމެވެ.
ރާއްޖެއިންވެސް ފެނިގެން މިދަނީ މިފަދަ ޙާލަތެކެވެ. އެންމެންވެސް ޝަކުވާކުރަނީ ޚިދުމަތްތައް ލަސްވެގެންނެވެ. ސާމްޕަލްތައް ނަގާނެ ތަންތަން ނެތުމާއި ނަތީޖާ ލަސްވެގެންނެވެ. ބައްޔަށް ފަރުވާ ދޭނެ މީހުންގެ ޢަދަދު ރާއްޖޭގައި މަދުއިރު ބަލި ދެނެގަތުމަށް ސާމްޕަލް ނެގުމަށްވެސް މަސައްކަތްކުރަމުން އައީ ވޮލަންޓިއަރުންނެވެ. ސިއްޙީ ޚިދުމަތްތެރިން ވަރުބަލި ވެފައިވާކަމާއި މުޅި އާބާދީއަށް ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަން އަންނަނީ ހާމަކުރައްވަމުންނެވެ. އެއްފަހަރާ ބަލި ޖެހޭ ނިސްބަތް އިތުރުވެއްޖެނަމަ ފަރުވާ ދޭނެ ވަޞީލަތްތައް ނެތްކަން ސިއްހީ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ހާމަކުރައްވަމުންނެވެ.
ރާއްޖޭގައި ކޯވިޑަށް ފަރުވާދިނުމަށް ސެންޓްރަލް އޭރިއާގައި ވަޞީލަތްތަކާއެކު ހުރީ 249 އެނދެވެ. މިވަގުތުވެސް 170އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު މިއަދަދު މަދުވެފައިވަނީ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެޑްމިޝަން ކްރައިޓީރިއާ ބަދަލުކޮށްގެންނެވެ. ގޮތް ނޭނގޭ ބައްޔެއްގެ ތެރޭގައި ތިބި ދަނޑިވަޅެއްގައި މިއީ ބިރުވެރި ވާހަކަތަކެކެވެ. ބަލި އިތުރުވެގެންދަނީ ކުއްލިއަކަށެވެ. އެފަދަ ދަނޑިވަޅެއްގައި ކަމާބެހޭ ފަރާތްތަކާމެދުގައާއި ކަންކަން އިންތިޒާމުވަމުންދާ ގޮތާމެދު ކިތަންމެ ޝަކުވާއެއް ކުރިނަމަވެސް ބަދަލެއް ނާންނާނެއެވެ. މިއީ ޙާލަތު ގޯސްވެފައިވާ ޤައުމުތަކުން ފެނިފައިވާ ހަގީގަތެވެ. މިއީ ސިއްޙީ ކުއްލި ނުރައްކަލެކެވެ. މިކަމަށް ފާޑުކިޔުމާއި ބަސްބުނަން އިނގޭނީ ސިއްޙީ މާހިރުންނަށެވެ. އެހެން ފަރާތްތަކުން ބަސްބުނެ ގޮތް ނިންމަން ވެއްޖެނަމަ ކުރިމަތިވާނީ ބޮޑެތި ޤައުމުތަކުން މިއަދު އެފެންނަ ޙާލަތެވެ.