ޚަބަރު

މިމަހުގެ 12އާއި ހަމައަށް ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށް: އެޑިއުކޭޝަން


މާދަމާއިން ފެށިގެން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގެ ހުރިހާ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނަމަވެސް އޯލެވެލް އިމްތިހާން ކުރިއަށްދާނެއެވެ.

ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިންވަނީ މިހާރު ވަރުގަދަކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމަށްވަނީ އަންގާފައެވެ. މި ފިޔަވަޅާއެކު މާލެ ސަރަޙައްދުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އެޑިއުކޭޝަނަށްވަނީ އަންގާފައެވެ.

މި ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރިއިން މިހާރުވަނީ މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ކިޔެވުން އަނެއްކާވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 5 މެއިން ފެށިން، މޭ 12ވަނަ ދުވަހާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށްކަމަށެވެ. އެގޮތުން ކިންޑަރގާޓްންއިން ފެށިގެން ގްރޭޑް 12އާ ހަމައަށްވެސް ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.
އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިޔަ ނަމަވެސް، މިހާރު ފަށައިގެން ކުރިއަށްގެންދާ އޯ ލެވެލް އިމްތިހާނު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން ފުރަތަމަ މެދުކަނޑާލީ، މިދިޔަ އަހަރުގެ މަރޗްމަހުގެ މިޑް ޗުއްޓީއަށް ފަހުއެވެ. އޭގެ ފަހުން ޙާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލާ، މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދިޔައެވެ. ނަމަވެސް ގްރޭޑް 6އިން ދަށުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައެއް ނުވެއެވެ.

ކޯވިޑް-19ގެ ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ، މިއަހަރުގެ ޖެނުއަރީ 10ގައި ފެށި 2020ވަނަ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުމާއެކުއެވެ.
ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފެށިނަމަވެސް ސްކޫލްތަކުގައިވަނީ ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އަތްދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން ދަރިވަރުންނަށް ކިޔަވއިދެމުންދަނީ އެޗްޕީއޭގެ މިންގަޑާ އެއްގޮތަށް ގައިދުރުކަމާއެކުގައެވެ. މީގެ އިތުރަށް ދަރިވަރުންނާއި މުދައްރިސުންގެ އިތުރަށް ސްކޫލް މުވައްޒަފުންވެސް ތިބެންޖެހެނީ މާސްކް އަޅައިގެންނެވެ.

ނަމަވެސް ކޭސްތައް ގިނަވެ އަނެއްކާވެސް މާލެ ސަރަޙައްދުގެ ހުރިހާ ގްރޭޑްތަކުގެ ކިޔެވުން މިވަނީ އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ކޯވިޑް ޙާލަތާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދެވޭނެ ގޮތަށްވެސް އެޑިއުކޭޝަނުންވަނީ ތައްޔާރުވެފައެވެ. އަދި ޓެލިކިލާސްގެ ނަމުގައި ޓީވީ މެދުވެރިކޮށްގެން ފިލާވަޅުތައް ނަގައިދީފައިވެއެވެ.