ޚަބަރު

ބުރިޖްގައި ރެނދެއް ނެތް - ޕްލޭނިންގ މިނިސްޓްރީ


ބްރިޖްގައި ރެނދެއް ލާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދޮގުކޮށްފިއެވެ. ބްރިޖްގެ ތަނބެއްގައި ރެދެއް އިންކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވަނީ ދައުރުވާން ފަށާފައެވެ.

ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށްބުނެ ދައުރުވަމުންދާ ފޮޓޯތަކާ ގުޅިގެން މިނިސްޓްރީގެ ޓެކްނިކަލް ޓީމުންވަނީ ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާ ކަމަށް ބުނާ ސަރަޙައްދު ބަލާ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ. އަދި މިބެލިބެލިމުން، ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަން މިނިސްޓްރީންވަނީ ކަށަވަރުކޮށްފައެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ފޮޓޯތަކުން ފެންނަމުންދަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ، އެކްސްޕެންޝަން ޖޮއިންޓަކުން ފެން ފައިބާފައިވާ މާކުތަކެއްކަން ޔަގީންކުރެވިފައިވާކަމަށެވެ. މި ނިޝާންތައް މިހާރު ސާފުކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސިނަމާލެ ބްރިޖަކީ އެއް ރަށް އަނެއް ރަށް ގުޅާލުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އިންފްރާސްޓްރަކްޗަރަލް އެންމެ ބޮޑު މަޝްރޫޢުއެވެ. ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައްވެސް ކުރިއަށްގެންދިޔައީ ޗައިނާގެ ކުންފުންޏަކުންނެވެ. މަޝްރޫޢުގެ މަސައްކަތް ނިންމާ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އަދި ސެޕްޓެމްބަރުމަހުވަނީ އާއްމު ދަތުރުތަކަށް ހުޅުވާލާފައެވެ.

ބްރިޖްގެ އިންފްރާސްޓްރަކްޗަރަލް މަސައްކަތްތައް ނިމުމަށްފަހުވެސް، ބްރިޖް ބެލެހެއްޓުމާއި މެއިންޓަނަންސް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏާއެވެ. އޭރު ހަވާލުކޮށްފައިވަނީ 2އަހަރުގެ މުއްދަތަށް ނަމަވެސް، އަދިވެސް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ ކުންފުނިންނެވެ.

ބުރިޖު އެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 70 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. ބާކީ ބައި ޚަރަދުކޮށް ފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ.