ޚަބަރު

މާންދޫ ކްލަސްޓަރ : ނެގި ސާމްޕަލްތަކުން %22 ޕޮޒިޓިވް


ލ.މާންދޫއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 259 އަށް އަރައިފިއެވެ.

މިއީ އެއް ކްލަސްޓަރއެއްގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި އެއް ކްލަސްޓަރވެސްމެއެވެ.

މި ކްލަސްޓަރއިން ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މީގެ 10 ދުވަސްކުރިން ސިނާޢީ މަސައްކަތްކުރާ މާންދޫއިންނެވެ. ފުރަތަމަ ޕޮޒިޓިވްވިކަން އެނގިފައިވަނީ މާންދޫގައި މަސައްކަތްކުރާ 8 ބިދޭސީންނެވެ. މާންދޫއިން ޕޮޒިޓިވް ކޭސްތައް ފެނުމާއި ގުޅިގެން އެރަށާ ގުޅިފައިވާ، ގަމާއި ފޮނަދޫއިން ވަނީ ސާމްޕަލް ޓެސްޓުކޮށްފައެވެ. މި ދެރަށަކީވެސް މާންދޫގައި މަސައްކަތްކުރާ ގިނަ ބަޔަކު އުޅޭ ދެރަށެވެ. ގިނައަދަދެއްގެ ކޭސްތައް ފެނުމާއި ގުޅިގެން ގަމާއި ފޮނަދޫ މޮނިޓަރިންގެ ޙާލަތަށް ގެނައީ އޭޕްރިލްމަހުގެ 24 ވަނަ ދުވަހުއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ މާންދޫ ކްލަސްޓަރގައި މިހާތަނަށް 259 މީހުން ޕޮޒިޓިވްފައިވާކަމަށެވެ. ކޮންޓެކްޓުންނާ ރަށުތެރެއިން ރެންޑަމް ސާމްޕަލް ޓެސްޓުކުރަމުން އަންނައިރު މިހާތަނަށް 1166 ސާމްޕަލް ވަނީ ނަގާފައެވެ. އިންސައްތައިން ބަލާނަމަ މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ނެގި ސާމްޕަލްތަކުގެ %22 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާންދޫއިން ކޯވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލުބޮޑު 3 މީހުންނަށް، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހޮނިހިރުދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކޯވިޑް މެޑިކަލް ފެސިލިޓީއެއްގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. މިއީ 30 އެނދުގެ ފެސިލިޓީއެކެވެ. މިގެތެރޭގައި އައިސީޔޫ ބެޑްތަކާ އައިސޮލޭޝަން ބެޑްތައް ހިމެނެއެވެ. ކޯވިޑްގެ ޙާލަތާއި ގުޅިގެން ސިއްޙީ ފަރުވާ ބޭނުންވި މީހުންނަށް މި ފެސިލިޓީގައި ފަރުވާދީފައިވެއެވެ.