ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީ އިތުރުވުމުގެ ސަބަބުން، ރަށްރަށަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައެވެ. އާބާދީ އިތުރުވެ މި މައްސަލަ ކުރިމަތިވެފައިވާ އެތައް ރަށެއް ރާއްޖޭގައި މިވަގުތުވެސް އެބައޮތެވެ. މިފަދަ ރަށްތަކަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން، 6 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްގެންދެއެވެ.
މީގެތެރެއިން އެއް ރަށަކީ ބ.އަތޮޅު ތުޅާދޫއެވެ. ތުޅާދޫގެ 550 އަށްވުރެ ގިނަ ގޭބިސީގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް 2010 ވަނަ އަހަރު ތުޅާދޫއިން ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ، ރަށަށް ބިން އިތުރުކޮށްފައެވެ. ހިއްކި ބިމުން 88 ގޯތި ދޫކުރުމާއި 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުވަނީ ޔުނިޓްތައް ރައްޔިތުންނާ ހަވާލުކޮށްފައެވެ.
އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
ތުޅާދޫގައި އަޅާ ހައުސިންގ ޔުނިޓްތަކަކީ ވަކިވަކި ގެތަކަށް ހަދާ ރޯހައުސްތަކެކެވެ. ކޮންމެ ގެއެއް ހެދުމަށް ހަމަޖެހިފައިވަނީ 1100އަކަފޫޓުގެ ބިމެއްގައެވެ. ތުޅާދޫގައި މި ފެށި ޕްރޮޖެކްޓްގައި އަޅާ ހުރިހާ ގެތަކަކީވެސް 3 ކޮޓަރީގެ ގެތަކެވެ. 3 ކޮޓަރިއާއި، 3 ފާޚާނައައި، ސިޓިންގރޫމާއި، ބަދިގެ އަދި ސްޓޯރޫމާއި، ލޯންޑްރީ ރޫމްވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ ހައުސިންގ ޔުނިޓްތަކުގެ ހުރިހާ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ޑިސެމްބަރުމަހުގެ ކުރިން ނިންމާނެކަމަށެވެ. ތުޅާދޫ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު 92 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން މަސައްކަތް ވަނީ ނިމިފައެވެ. އަދި 21 ގެ ރޭނުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ.
ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ ގެތައް ހިޔާކޮށް ސިމެންތި ޖެހުމާ، އަދި ކަރަންޓާ ފެން ވަޔަރުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށެވެ.
ހައުސިން ޔުނިޓްތަކަށް މީހުން ނެގުމުގެ މަސައްކަތް ފަށާނީ، ގެތަކުގެ މަސައްކަތް ވަކި މިންވަރަކަށް ނިމުމުންނެވެ.ސަރުކާރުން ލަފާކުރަނީ 2022ވަނަ އަހަރު ގެތަށް ޙައްގުވެރިންނަށް ދޫކުރެވޭނެކަމަށެވެ.
ތުޅާދޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން ކުރިން ހުލުވާލި ބައެއް ހައުސިންގ މަޝްރޫޢުތަކަށް 700އެއްހައި މީހުން ފޯމު ހުށައެޅިކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.