ޚަބަރު

ނޫސްވެރިންނަށް އޮތީ މިނިވަން މާހައުލެއް، ޙަޤީޤަތެއް ނެތް ޔޯލަ ވާހަކަތައް ނުފަތުރާ - ރައީސް


މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ ދަންނަވައި، ފޮނުއްވި ޚިޠާބުގައެވެ.

ރާއްޖޭގެ ނޫސްވެރިން މިހާރު ތަޖުރިބާކުރަމުންދަނީ، މީގެ އަހަރުތަކެއް ކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ މުށުތެރޭގައި ފިތިފައި އޮތް ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު، ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެ އޮތީ 120 ވަނައިގައި ކަމަށެވެ. މިނިވަން ނޫސްވެރިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލައި، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ސަރުކާރުން ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ސަގާފަތް ދޫކޮށްލީ، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މުހިންމު ވަސީލަތެއް ކަމަށްވާތީކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

"މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށްފަހު، ފާއިތުވެގެންމިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަރައިފައި" ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެންކަމަށެވެ.

ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެކަމަށާއި، އެކަމުން ސަރުކާރަށް ލިބުނު ފައިދާ ނުހަނު ބޮޑުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" ސަރުކާރަށް ލިބުނު ފައިދާ ނުހަނު ބޮޑެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހު ކުރުމުގެ ފުރުޞަތު ތަނަވަސްވިއެވެ. އަދި ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވިއެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޚިޠާބުގައި އެމަނިކުފާނުވަނީ ނޫސްވެރިކަމަށް ލިބިފައިވާ މިނިވަންކަމާއި އެކު ނޫސްވެރިން ޒިންމާދާރުވުމަށް ގޮވާލައްވާފައެވެ. މިގޮތުން ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބެހެއްޓުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މީސްމީހުންނާ ބެހޭގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލާ ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

" ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތާ ގުޅިގެން، ހުރިހާ ދިވެހި ނޫސްވެރިންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެވެސް ޒިންމާދާރު ވުމަށެވެ. ހަމައެފަދައިން، މަޢުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ނޫސްވެރިކަމަކީވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ." ރައީސްގެ ރައީސްގެ ޚިތާބުގައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ކޯވިޑް-19ގެ ބަލިމަޑުކަން ފަދަ، ޤައުމީ އަދި ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން ތަޙައްމަލް ކުރަމުންމިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، މި ބައްޔާމެދު ރައްޔިތުން ހޭލުންތެރިކޮށް، މި ބައްޔާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމުގައި، ދިވެހި ނޫސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އިޚްލާޞްތެރިކަމާއެކު ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި، ދިވެހި ހުރިހާ ނޫސްވެރިންވެސް އެއް ޢާއިލާއެއްގެ ގޮތުގައި، ޤައުމީ ރޫޙުގައި ކުރަމުން އަންނަ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ މަތިވެރި ޤުރުބާނީ ހަނދާނަށް ގެންނަންޖެހޭކަން ފާހަގަކުރައްވަމުންނެވެ. މިގޮތުން ޑިމޮކްރެސީއަށް އަޑުއުފުލައި ޚިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ޙުކުމްތައް ތަޙައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާންތައް އެމަނިކުފާނު ވަނީ އައުކުރައްވާފައެވެ.