ޚަބަރު

ދެފަރާތުން އެއްބަސްވާގޮތަށް މައްސަލަ ނިންމުމުން ދައުލަތަށް ލިބޭ ގެއްލުން ކުޑަ: ސަރުކާރު


ދައުލަތުން ޤާނޫނާއި ޚިލާފަށް ބާޠިލްކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން، ކަނޑައެޅިގެން ބަދަލު ދޭންޖެހޭކަން އެނގޭ މައްސަލަތަކުގައި ކޯޓަށް ދިއުމުގެ ބަދަލުގައި ދެފަރާތުން އެއްބަސްވާގޮތަށް މައްސަލަ ނިންމުމަކީ ދައުލަތަށް އެންމެ ގެއްލުން ކުޑަގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ނިމިދިޔަ ސަރުކާރުގައި އެއްވެސް ސަބަބެއް ނެތި ޤާނޫނާއި ޚިލާފަށް ގިނަ އެއްބަސްވުންތަކެއް ބާޠިލްކޮށްފައިވުމުގެ ސަބަބުން ދައުލަތަށް ބަދަލުދޭންޖެހޭ ގިނަ މައްސަލަތަކެއް ކޯޓު މަރުހަލާގައި އެބައޮތްކަަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، މިސަރުކާރަކީ އިންސާފް ޤާއިމްކޮށްދިނުމުގެ ވަޢުދާއެކު އައި ސަރުކާރެއްކަމަށެވެ. އޭގެތެރޭގައި ނުހައްގުން ޖަލަށް ލާފައިވާ މީހުންނަށް އިންސާފް ހޯދައިދިނުމުގެ އިތުރުން، ދައުލަތުން އެކިއެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް އިންސާފް ހޯދައިދިނުންވެސް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުން އެކިއެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ބާޠިލްކޮށްފައިހުރުމުގެ ސަބަބުން، ބަދަލު ދޭންޖެހޭކަން އެނގިތިބެ ދައުލަތުން ކޯޓަށް ދިއުމުގެ ބަދަލުގައި ދެފަރާތުން އެއްބަސްވެވޭގޮތަށް މައްސަލަ ނިންމުމަކީ ދައުލަތަށް އެންމެ ލުއިވާނެ ގޮތްކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ނިންމިފައިވަނީ ދައުލަތަށް އެންމެ ގެއްލުން ކުޑަގޮތަށްކަމަށްވެސް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަވެސް އިސްކަންދިނީ ކޯޓަށް މައްސަލަ ހުށައެޅުމުގެ ކުރިން ކަނޑައެޅިގެން ދައުލަތުން އެއްބަސްވުން ބާތިލްކޮށްފައިވާކަން އެނގޭ މައްސަލަތަކުގައި ދައުލަތް ދިފާއުކުރުމުގެ ބަދަލުގައި ކޯޓްގެ މަރުހަލާގެ ތެރެއިން ދެފަރާތް އެއްބަސްވެވެވޭގޮތަކަށް ދައުލަަތަށްވެސް އެންމެ ލުއިވާނެގޮތަކަށް މައްސަލަތައް ނިންމުމަށް. މިއީ އަލަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ނެންގެވި ޑިޒިޝަންއެއް. އެއާއެއްގޮތަށް ބައެއް މައްސަލަތައް ނިމިފައިވެސް ހުންނާނީ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ދޭންޖެހޭ އަދަދު ކުޑަކުރެވިފައިވެސް ހުންނާނެ." އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، އިންސާފް ލިބެންޖެހޭ މީހާއަށް އިންސާފް ލިބެންޖެހޭނީ ކޯޓުގެ ތިންމަރުހަލާ ނިމިގެން ނޫންކަމަށް ދައުލަތުން ޤަބޫލުކުރައްވާކަމަށެވެ.

"ކޯޓުން ބޭރުން މައްސަލަ ހައްލުކުރުަމަށް ރައީސްގެ އިސްނެންގެވުމަށް 27 ޖެނުއަރީގައި 2019ގައި ކޮމިޓީއެއް ހެދީވެސް ކޯޓަށް ގޮސް ގިނަވަގުތު ނަގާނެތީ ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރުމަށް. ސަރުކާރުން މިކަން ކުރަނީ ކޮރަަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބައެއް މަޖިލިސް މެންބަރުންނާއި އެހެން ބައެއް ފަރާތްތަކުން ތުހުމަތުކުރާތީ ކޯޓުން 3 މަރުހަލާ ނުނިންމާ ބަދަލު ނުދޭން މަޖިލިސް ކޮމިޓީން ނިންމުން އެއީ ދައުލަތަށް ކުރިމަތިވި ގޮންޖެހުމެއް. މިއީ ދައުލަތަށް ބުރަ ބޮޑު ނުވާނެގޮތަށް މައްސަލަ ނިންމުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް. ނަމަވެސް އޭރުވެސް މިހާރުވެސް ސަރުކާރުން ދެކޭ ގޮތަކީ ކޯޓްގެ 3 މަރުހަލާ ނިންމާފައެއް ނޫނޭ އިންސާފް ލިބެންޖެހޭނީ."އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ދެފަރާތުން އެއްބަސްވެގެން ހަދާފައިވާ ގިނަ ޢަދަދެއްގެ އެއްބަސްވުންތައް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ބާޠިލްކޮށްފައިވާކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ މައްސަލަތައް ދައުލަތުން ބަދަލު ހޯދައިދިނުމަށް ކޯޓު މަރުހަލާގައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެފަދަ 50އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ކޯޓު މަރުހަލާގައި އެބައޮތްކަމަށެވެ. އަދި މިސަރުކާރުން ގިނަ ޢަދަދެއްގެ ކުުންފުނިތަކަށް ބަދަލު ދެމުން އަންނަކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، މިސަރުކާރުން މިހާތަނަށް ބަދަލު ދީފައިވާނީ 3 ފަރާތަކަށްކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ދިން ސީދާ ޢަދަދު ވިދާޅެއް ނުވެއެވެ.

"ކޯޓަށް ފުރަތަމަ ދާންޖެހޭނީވެސް ދެފަރާތުން ދެބަސްވާ ކަންކަމުގަ. ކަނޑައެޅިގެން ގެއްލުންދީފަ، ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ކޮށްފައި ހުންނަކަމެއްކަމަށްވަންޏާ އަޅުގަނޑުމެން އެމީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުން އެއީ އެންމެ އިންސާފްވެރިގޮތެއް ނޫން، އެމީހާއަށްވެސް އަދި ދައުލަތަށްވެސް. ސަބަބަކީ ގެއްލުން ވެފައި ހުންނަ މީހާއަށް ގެއްލޭ ކޮންމެ ދުވަހަކީ ގެއްލުން އިތުރުވަމުންދާނެ ދުވަހެއް."އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތައް ދެފުށްފެންނަ ގޮތަށް އަދި އެންމެ އިންސާފުވެރިކޮށް ކުރެވޭނީ ޤާނޫނެއް އޮވެގެންކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި މަޖިލީހަށް މަދަނީ އިޖްރާޢަތުގެ ބިލެއް ހުށައަޅާފައިވާކަމަށާއި، ނަމަވެސް މިހާ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ ބިލް ފާސްވެ ޤާނޫނަކަށް ނުވުމަކީވެސް އެފަދަ މައްސަލަތަކަށް އިންސާފް ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.