ރިޕޯޓް

މާލޭ ސަރަޙައްދުގެ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީގެ ދަށަށް މިމަހު ބަދަލުކުރަނީ


ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުން އެމް.ޓީ.ސީ.ސީގެ ދަށަށް ގެނައުމުގެ އެއްބަސްވުމުގައި ކަމާބެހޭ ފަރާތްތަކާއެކު މިމަހުގެ ތެރޭގައި ސޮއިކުރެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީގެ ސީ،އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓްތަކުގެ ޑްރާފްޓްތައް ނިމި، މިކަމާގުޅޭ މަޝްވަރާތައްވެސް ނިމިފައިވާކަމަށެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް މިވަގުތު ދެ ކުންފުންޏަކުން އަންނަނީ ދެމުންނެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ފަރާތުންނެވެ. އެމް.ޓީ.ސީ.ސީން ހުޅުމާލެ އާއި ހުޅުލެއާއި ދެމެދު ބަހުގެ ޚިދުމަތްދެމުންދާއިރު، އެމް.ޕީ،އެލްއިން އަންނަނީ ސިނަމާލޭ ބްރިޖު މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއް ސަރަހައްދެއްގައި މި މަސައްކަތް ދެ ކުންފުންޏަކުން ކުރުމަކީ ޚަރަދުގެގޮތުން ބަލާނަމަ އެންމެ އެކަށީގެންވާކަމަކަށްނުވާތީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަހުގެ ޚިދުމަތް އެއްކުންފުންޏެއްގެ ދަށަށް ބަދަލުކުރަމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މުޅި ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ތެރެއިން ފެރީއާއި ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީގެ ދަށަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، އެކަމާގުޅިގެން ފަހިކޮށްދޭންޖެހޭ އެންމެހާ ކަންތައްތަކެއް ސަރުކާރުން ފަހިކޮށްދެމުންދާކަމަށެވެ. އެގޮތުން އެމް.ޕީ.އެލްއިން މިހާރު ކުރިއަށްގެންދާ ބަހުގެ އޮޕަރޭޝަން، އެމް.ޓީ.ސީ.ސީއަށް ބަދަލުކުރުމަށްޓަކާ، އެމް.ޕީ.އެލްއާއި، އެމް.ޓީ.ސީ.ސީއާއި، ފިނޭންސް މިނިސްޓްރީއާއި އަދި ބިމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއެކު މަޝްވަރާތައްކޮށް އެއްބަސްވުމަކާ ހިސާބަށް މިހާރު އާދެވިފައިވާކަމަށެވެ. އަދި މިކަމާގުޅިގެން ބިންތައް ބަދަލުކުރުމާއި، އެމް.ޕީ.އެލްގެ ބަހުގެ އޮޕަރޭޝަންގައި ބޭނުންކުރާ އެސެޓްތައް ބަދަލުކުރުމާގުޅޭގޮތުން ހަދަންޖެހޭ އެގްރީމަންޓްތައްވެސް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ އެންމެ ލަސްވެގެން މޭ މަސް ނިމުމުގެ ކުރިއަށް، އެމް.ޓީ.ސީ.ސީއާއި، އެމް.ޕީ.އެލްއާއި ފިނޭންސް މިނިސްޓްރީއާއި 3 ފަރާތުން ވެގެން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެވި، އެމް.ޓީ.ސީ.ސީގެ ދަށަށް މި އޮޕަރޭޝަން ގެނެވޭނެކަމަށް. މިކަމުގައި ޓްރާންސެޝަން މަރުހަލާއެއް އުޅޭނެ. އެމަރުހަލާގެ ތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މި ހުރިހާ ބަސްތަކެއް ބަހައްޓާނެތަނެއް މިވަގުތަކުނެތް. މިހާރުވެސް އެމް.ޕީ.އެލްގައިވެސް ގާތްގަނޑަކަށް 22 ބަސް، އެމް.ޓީ.ސީ.ސީގައިވެސް ފުދޭވަރަކަށް ގިނަ ބަސްތައް އެބަހުރި" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމް.ޕީ.އެލްގެ ބަހުގެ އޮޕަރޭޝަން އެމް.ޓީ.ސީ.ސީއަށް ބަދަލުކުރާއިރު، އެ މަސައްކަތުގައި ހަރަކާތްތެރިވާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ. އެހެންކަމުން ޓްރާންސިޝަން މަރުޙަލާގެ ތެރެއިން ބަހުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ މުވައްޒަފުންވެސް އެކުންފުންޏަށް ނަގާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ބެހެއްޓުމަށްޓަކައި ހުޅުމާލެއިން ބިން ހޯދުމާއި ގުޅޭގޮތުން އެޗް.ޑީ.ސީއާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ އެއްވެސް މުވައްޒަފަކު ވަކިނުކޮށް ހުރިހާ މުވައްޒަފުންވެސް މީގެތެރެއިން އެބްޒޯވްކޮށްގެން ކުރިއަށްދިއުމުގެ ވިސްނުމެއް މިހުރީ. ވަރަށް ބޮޑު ޓްރާންސްފަރއެއް މިއީ. އަޅުގަނޑުމެން ވަރަށް ވިސްނައިގެން މިކަން ކުރަން މިޖެހެނީ. އެއީ މީގެ ތެރޭގައި އެތައް ބައިވަރު މުވައްޒަފުންތަކެއް އެބަ ހިމެނޭ. ކަލްޗަރަލް ޗޭންޖްތަކެއްވެސް ހުންނާނެ ދެ ތަނެއްގެ މުވައްޒަފުން މިގޮތަށް އެއްކޮށްލާއިރު. އެހެންވީމާ މި ހުރިހާ ސްޓާފުން ޖެލްކޮށް، އެކަތިގަނޑަކަށް ހަދާ އެމީހުންނަށް މަރުހަބާ ކިޔުމުގެ މަސައްކަތްވެސް ކުރަމުން މިދަނީ" އާޒިމް ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ ދެކުނުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ބަހުގެ ޚިދުމަތްވެސް އެމް.ޓީ.ސީ.ސީގެ ދަށަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފުރިހަމަ ބަހުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް އެކުންފުންޏަށް ލިބެމުންދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.