ޚަބަރު

16އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ފައިޒަރ ވެކްސިން ގެންނަނީ


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ފައިޒަރ ވެކްސިން އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެެވެ. މިނިސްޓަރ ވިދާޅުވީ އިތުރަށް ހޯދާ ފައިޒަރ ވެކްސިންއަކީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް ޖެހުމަށް ހޯދާ ވެކްސިންކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ ކޯވިޑު-19 އާ ގުޅޭގޮތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އުޅެނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އެގޮތުން ދާދިފަހުންވެސް އެ އުމުރުފުރާގެ ސާޅީހަކަށް ކުދިންނަށް ކޯވިޑް ޖެހިފައިވާކަމަށެވެ. އަދި އެ އުމުރުފުރާގެ ކުދިންނަށް ދޭނެ ވެކްސިނެއް ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެ މިހާލަތުގައި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ އިތުރަށް ފައިޒާ ވެކްސިންކޮޅެއް ހޯދޭތޯ. ގަންނަން ލިބޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ. އެއީ 16 އަހަރާއި 18 އަހަރާ ދޭތެރޭގެ މީހުންނަށް ޖެހުމަށް. މިއީ ވަރަށް ވަލްނަރަބްލް ގްރޫޕެއް. ކުޑަކުދިން އުޅޭ ގޭގައި ކަމަށް ވަނީ ވިއްޔާ އެ ކުދިން ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ގޭތެރޭގައި އެޅުމަކީ ވަރަށް މުހިއްމު ކަމެއް." ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

ބަޔޯއެން ޓެކްގެ ފައިޒަރ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިދިޔަ މާރިޗުމަހުގެ 15ވަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒަރ ވެކްސިންގެ 5500 ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ މާރޗް މަހުގެ 25ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން ޖަހަމުންދަނީ މާލޭ ސަރަޙައްދުގައި އެކަންޏެވެ.

މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. 60 އަހަރުން މަތީގެ މީހުންނާއި، 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ފައިޒަރ ވެކްސިނަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލިއެވެ. ރާއްޖޭގައި މިވަގުތު ޖަހަމުންދާ ކޮވިޝީލްޑް އާއި ސައިނޯފާމް ދެނީ 18 އަހަރުން މައްޗަށެވެ.