ޚަބަރު

ކޯވިޑް-19 : އެސްޓްރަޒެނެކާގެ ވެކްސިން ޖޫންމަހު ލިބޭނެ - ހެލްތު މިނިސްޓަރ


ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން އަންނަ ޖޫންމަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ޖޫން މަހުގެ ވަކި ދުވަހަކާއި ލިބޭނެ ވެކްސިން ޑޯޒްގެ ޢަދަދެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ވަނީ އެއްބަސްވެފައެވެ.

މިވެކްސިނަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނަ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން މިވެކްސިނާ އެންމެ ވާދަވެރިކޮށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ފައިޒާ ވެކްސިނާ ޚިލާފަށް، މިވެކްސިން ޢާއްމު ޓެމްޕަރޭޗަރގައި ރައްކާކުރެވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ އެސްޓްރަޒެނަކާގެ ވެކްސިން އަންނަ ޖޫންމަހުގެ ތެރޭގެ ލިބޭނެކަމަށާއި އަނެއްކާވެސް ހިތްހަމަޖެހިގެން ވެކްސިން ދިނުމުގެ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި އިންޑިއާއިން ވެކްސިން ލިބޭތޯ މަސައްކަތްކުރަމުން އަންނަކަމަށާ، ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންއަންނަކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަހަކަށް އައިސް ކުޑަކުދިންނަށް ކޯވިޑް ޖެހޭލެއް އިތުރުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ފައިޒާ ވެކްސިންގެ އިތުރު ޑޯޒްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިގޮތުން ދެން ހޯދާ ފައިޒާ ވެކްސިން ޚާއްސަކުރާނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށްކަމަށެވެ.

" އުމުރުން 16 އަހަރުން ދަށުގެ ގިނަ ކުދިންނަށް ކޯވިޑް ޖެހިއްޖެ. އެކުދިން ސަލާމަތް ކުރުމަށް ބެލެނިވެރިން ފިޔަވަޅުތައް އަޅަންޖެހޭ. ދާދިފަހުން ވެސް 40 ކުއްޖަކަށް ކޯވިޑް ޖެހިއްޖެ." މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއާރީ މަހުގައެވެ. ފުރަމަ ކޮވިޝީލްޑް ވެކްސިން ޖަހަން ފެށިނަމަވެސް މިހާރު އަންނަނީ ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިން ޖަހައިދެމެންނެވެ. ނަމަވެސް ފައިޒާ ވެކްސިން ޖަހާދެނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށެވެ.

މިހާތަނަށް އައިރު ރާއްޖެގެ އާބާދީގެ %52.17 މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑޯޒް ޖެހި ދެ ލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުންނާއި ދެވަނަ ޑޯޒް ޖެހި އެއް ލައްކައަށްވުރެ ގިނަ މީހުންނެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ދެ ލައްކަ އަށާވީސް ހާހަށްވުރެ ގިނަ މީހުންނާއި ދެވަނަ ޑޯޒް ޖެހި ނުވަދިހަ ތިން ހާހަށްވުރެ ގިނަ މީހުން މީގެތެރޭގައި ހިމެނެއެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒް ފަސްދޮޅަސް ހަހާށް ވުރެ ގިނަ މީހުން ޖެހިއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ ހަތްހާހަށް ވުރެ ގިނަ މީހުންނެވެ.