ޚަބަރު

ޖައްވީ މިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފި


ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ވިދާޅުވީ މިމިޝަންގައި ބައިވެވޭނީ އެއިރޯސްޕޭސް އިނޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވާ ޢުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށްކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 7 ގެ ކުރިން އައިޖީއެސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެޕްލައިކުރުމަށްވަނީ ހުޅުވާލާފައެވެ. އެއިދާރާއިން ވިދާޅުވީ މިމިޝަންއަށް ނަގާނީ ޖުމްލަ 12 ދިވެހިންކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާ ފަރާތްތައް ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުންކަމަށް އައިޖީއެސްއިން ވިދާޅުވެއެވެ. އައިޖީއެސްއިން ވިދާޅުވީ މިއީ މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް ސެޓްފިކެޓް ލިބޭނެކަމަށެވެ. މިއީ ސްޕޭސް އިންޑަސްޓްރީއިން ޤަބޫލުކުރާ ސެޓްފިކެޓެއްކަމަށް އައިޖީއެސްއިން ވިދާޅުވެއެވެ.

އަދި މި މިޝަންގެ ތަމްރީން ޕްރޮގްރާމް ރާވާފައިވާނީ ފުލްޓައިމްކޮށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށްކަމަށާއި ވަޒީފާއިން ވަކިނުވެވެސް މިޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް އެޖަމިއްޔާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުގެ ފަންނީ އެހީތެރިކަމާއެކުގައެވެ. މިޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕްގެ ޖައްވީ އިދާރާ އީސާއާއި މިދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށްވާ ސްޕޭސް އެކްސްގެ ފަންނީ ތަޖުރިބާކާރުން ހިމެނެއެވެ.