ކުޅިވަރު

ޑާކާ އަބަހާނީ ވަކިވުމުން އީގަލްސްށް ޕްލޭއޯފަށް


އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސްއާއި ވާދަކުރުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވުމުން ކުލަބް އީގަލްސްއަށް ޕްލޭއޯފްގެ ޖާގައެއް ޔަގީންވެއްޖެއެވެ.

އީގަލްސް އާއި ޑާކާ އަބަހާނީ މެޗް މިހާރުވެސްވަނީ ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ކޮވިޑް19ގެ ސަބަބުން ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އަދި މިމެޗް ކުޅުމަށް އެކި ގައުމުތައް ހަމަޖެއްސިނަމަވެސް، ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެޓީމަށް ބަންގްލަދޭޝްއިން ބޭރުވުމުގައިވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

އޭއެފްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ކޮވިޑް19ގެ ހާލަތަށް ބެލުމަށްފަހު، އެގައުމުގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާގުޅިގެން އޭއެފްސީގެ ސަބްކޮމެޓީއަށް ބޮޑަށް ބެލެވެނީ ޑާކާ އަބަހާނީ މިމުބާރާތުގައި ކުރިއަށް ދިއުމަށް މިހުރި ހުރަސްތަކާއެކު، މުބާރާތުން ވަކިވާން އެޓީމުން ނިންމީކަމަށެވެ. އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަކިވުމާއި ގުޅިގެން ޕްލޭއޯފް މެޗްގައި ރާއްޖޭގެ ކުލަބް އީގަލްސް ވާދަކުރާނީ އިންޑިޔާގެ ގަދަބާރު ބެންގަލޫރު އެފްސީއާއިއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 11ވަނަ ދުވަހުއެވެ. މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުން މޮޅުވާ ޓީމަކަށް ގުރޫފް ސްޓޭޖުން ޖާގަ ލިބޭނެއެވެ. މިގުރޫޕްގައި ދެން ހިމެނެނީ ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިޔާގެ މޯހަން ބަގާންއެވެ. ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 14 އިން 21 މާލޭގައެވެ.