ދުނިޔޭގެ ވިޔަފާރި

އަނެއްކާވެސް "ޝެލް"އަށް ފައިދާ


އަށްޑިހަ ހާހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ތެޔޮ އުފައްދާ ބޮޑު ޑަޗް ކުންފުނިކަމުގައިވާ 'ޝެލް' އަށް 6 މަސް ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ފައިދާ ވެއްޖެއެވެ.

ތެލުގެ ޑިމާންޑް އިތުރުވެ ފުރަތަމަ ކުއާޓަރުގެ ފައިދާވާނެ ކަމަށް ލަފާކުރި ވަރަށްވުރެ އިތުރަށް ކުންފުންޏަށް ވަނީ ފައިދާ ވެފައެވެ. މިއާއެކު ޑިވިޑެންޑް 4 އިންސައްތައަށް އިތުރުކޮށް ޝެލްއިން ވަނީ އިންވެސްޓަރުންގެ އިތުބާރު ހޯދާފައެވެ.

މިއަހަރުގެ މާރިޗް ނިމުމާއި ހަމައަށް އެ ކުންފުނިން ސާފު ފައިދާގެ ގޮތުގައި 3.2 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ލިބުނު ފައިދާއަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކުންފުންޏަށް މި މުއްދަތުގައި ފައިދާވެފައިވަނީ 2.9 ބިލިއަން ޑޮލަރެވެ.

ކުންފުނިން މިވަނީ ވަރުގަދަ ފެށުމެއް ފަށާފައިކަމާއި މި ގޮތުގައި ހިފެހެޓުމަކީ ކުރިއަށްހުރި ޑިމާންޑަތަކަށް ފައިދާވާނެ ކަމެއްކަމުގައި ޝެލްގެ ސީއީއޯ ބުނެފައިވެއެވެ. ފެބްރުއަރީމަހު ޓެކްސަސްއަށް އައި ވިންޓަރ ޠޫފާނުން 200 މިލިއަން ޑޮލަރުގެ ގެއްލުން ފުރަތަމަ ކުއާޓަރުގައި ވެފައިވާ ޝެލްއިން ބުނެއެވެ.

ލަންޑަނުގައި ޝެލްގެ ހިއްސާއެއްގެ އަގު 1.3 އިންސައްތައަށް އިތުރުވެގެން ދިޔައިރު ކުންފުނީގެ ސްޓޮކް މާކެޓްގެ އަގު 9 އިންސައްތައަށްވުރެ އިތުރުވިއެވެ. ޖުމްލަ ދަރަނީގެ އަގު އަހަރުގެ ފުރަތަމަ ތިންމަހު ވަނީ 4 ބިލިއަން ޑޮލަރަށް ތިރިކުރެވިފައެވެ. އަދި ކުންފުނިން ވަނީ އެމީހުންގެ ޖުމްލަ ދަރަނީގެ އަގު 65 ބިލިއަން ޑޮލަރަށް ތިރިކުރުމަށް އަމާޒު ހިފާފައެވެ.