4 ރަށެއްގެ މަގުތައް ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންނެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ރަށްރަށުގެ މަގުތައްވެސް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީން އަންނަނީ ކުރަމުންނެވެ. އެކުންފުނީގެ މަސައްކަތުގެ ދަށުން ތ.ތިމަރަފުއްޓާއި ގދ.ގައްދުއާއި ށ.މިލަންދުއާއި އދ.މާމިގިލީގެ މަގުހެދުމުގެ މަސައްކަތްވެސް އާރުޑީސީން މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މަގުހެދުމުގެ މަސައްކަތުގެ ދަށުން އާރުޑީސީއާއި އިތުރު ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިވަނީ މިމަހުގެ ތެރޭގައި ހަވާލުުކޮށްފައެވެ. އަލަށް ހަވާލުކުރި ރަށްތަކަކީ ގދ.ތިނަދޫ، ޅ.ހިންނަވަރު، މ.މުލައް އަދި ރ.ހުޅުދުއްފާރުއެވެ. މިރަށްތަކުގެ ތެރެއިން ޅ.ހިންނަވަރާ، މ.މުލައް އަދި ރ.ހުޅުދުއްފާރަކީ މުޅިން އަލަށް މަގުހެދުމުގެ މަސައްކަތް ފަށާ ރަށްތަކެވެ.
އާރުޑީސީން ވަނީ މި ހަތަރު ރަށުގައި މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ޖިއޯޓެކްނިކަލް އަދި ހައިޑްރޯލޮޖިކަލް ސާވޭގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަމަހުގެ 5 ވަނަދުވަހުގެ ކުރިން އާރުޑީސީގައި ރަޖިސްޓްރީ ވާންޖެހެއެވެ. އަދި މި މަސައްކަތުގެ ޕްރޮޕޯސަލް މޭ 16ވަނަދުވަހުގެ ކުރިން ހުށައަޅަންޖެހޭއިރު ޕްރޮޕޯސަލް ހުށައެޅޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށް އާރުޑީސީން ބުނެއެވެ.
އަލަށް މަގު ހަދާ 4 ރަށުގެ ތެރެއިން ޅ. ހިންނަވަރުގައި 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އެއީ 7.1 ކިލޯމީޓަރެވެ. މ. މުލަކުގައި 5 މަގެއް ތަރައްޤީކުރާއިރު އެއީ 5.8 ކިލޯ މީޓަރެވެ. ރ. ހުޅުދުއްފާރުގައިވެސް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 5 މަގެކެވެ. އެއީ 3.2 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.
ގދ. ތިނަދޫގެ މަގު ހެދުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން އެރަށުގެ 14 މަގެއް ތާރު އަޅައިގެން ހަދާނެއެވެ. މީ 6.5 ކިލޯމީޓަރުގެ މަގު ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން މި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް ތާރު އަޅާ މަގު ބައްތި ޖަހާނެއެވެ.
ޒަމާނުންސުރެ ރަށްރަށުގެ މަގުތައް ހަލާކުވެ ދިމާވަމުން އަންނަ މައްސަލަތައް ހައްލުކޮށް ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ އެމްޓީސީސީއާއި އާރްޑީސީއާ ޙަވާލުކޮށްގެން ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މީހާރުވެސް
12 ރަށެއްގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މިދެކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި 15 ރަށެއްގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތެރޭގައި މިހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް މުޅިން ނިންމާލުމެވެ.