ޚަބަރު

ކޯވިޑް-19 : އޭދަފުށިން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ


އޭދަފުށިން މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދަނީ ބަލި ފެނިގެން ކަރަންޓީންކޮށްފައިވާ މީހުން ތިބި ގެތަކުންކަމަށް އެހޮސްޕިޓަލުން އާންމުކުރާ ކޯވިޑް 19ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބުދަ ދުވަހުގެ މެންދަމު ބާރައިން ބުރާސްފަތި ދުވަހުގެ މެންދަމު ބާރަށް އެރަށުން 9 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 137އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި ނުވަ މީހުގެ ތެރެއިން ހަތް މީހުންނަކީ ބަލި ފެނިގެން ކަރަންޓީންކޮށްފައިވާ ގެތަކުން ޕޮޒިޓިވްވި މީޙުންނެވެ. ދެން ޕޮޒިޓވްވީ ފްލޫ ކްލިނިކަށް ރޯގާގެ އަލާމާތްތައް ހުރެގެން ދެއްކި ދެމީހުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

އޭދަފުށިން ކޯވިޑް ފެނުނު ފަހުން ކޯވިޑް ފެސިލީޓީގައި ފަރުވާ ދީފައިވަނީ އެންމެ މީހަކަށެވެ. ފަންސާސް އަހަރުން މަތީގެ އެ އަންހެންމީހާ ފެސިލިޓީން ދޭންޖެހޭ ފަރުވާ ދިނުމަށްފަހު ގެއަށް ކަރަންޓީންވުމަށް ވަނީ ދޫކޮށްލާފައެވެ.