ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ވަކިކުރުމަށް ހަދާ ޗެނަލްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅުގަ ނިމޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. މި ތަން ފަރުމާކޮށްފައިވަނީ، އެ ސަރަޙައްދުގައި ބައެއް ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް ހިންގޭގޮތަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލާ ސަރަޙައްދު ވަކިކުރުމަށް ހަދާ ޗެނަލްގެ މަސައްކަތަކީ، ރަށުގެ ލޭންޑް ސްކޭޕް ފުރިހަމަކުރުމަށް ކުރާ މަސައްކަތެކެވެ. ދެ ފިޔަވަހި ގުޅުވައިދެނީ ކުދި ބްރިޖްތަކުންނެވެ. ބްރިޖް ދަށުން އޮއެ ދެމޭގޮތަށް ހަދާ ޗެނަލްތައް ފަރުމާކޮށްފައިވަނީ، ހުޅުމާލޭގެ އެ ސަރަޙައްދުގެ ލޭންޑް ސްކޭޕަށް އިތުރު ފުރިހަމަކަމެއް އަންނަ ފަރުމާއަކަށެވެ.
މި ޗެނަލަކީ 50މީޓަރު ފުޅާ، 1.85މީޓަރުގެ ފުން ޗެނަލެކެވެ. ޕްރޮޖެކްޓްގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މުޅި މަސައްކަތުގެ %49 ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއެވެ.
އެގޮތުން ސަރަޙައްދު ފުންކުރުމާއި، ވެލިގަނޑު ހިމާޔަތްކުރުމަށް ޝީޓް ޕައިލް ކުރުމާ، ގާ ޖެހުމުގެ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށްދެއެވެ. އެ ސަރަޙައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެ މި މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ފޭސް އެކަކާ ފޭސް ދޭއް ގުޅާލާފައިވަނީ ކުދި ބްރިޖްތައް މެދުވެރިކޮށްކަމަށްވުމުން، އުޅަނދުތައް ދުއްވުމަށް މި ޗެނަލް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް މަޖާކޮށްލާ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އެކި ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް އެ ސަރަޙައްދުގައި ކުރިއަށްގެންދެވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަޙައްދު ތަރައްޤީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަޙައްދެއްގެ ގޮތުގައެވެ.
ދެ ފިޔަވަހި ގުޅުވާލުމަށް ހަދާ ހަތަރު ބްރިޖްގެ މަސައްކަތްވެސްވަނީ ނިމިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގަ އަމިއްލަ މީހުން ތަރައްޤީކޮށްފައިވާ ބައެއް ގެތަކަށް މީހުން ބަދަލުވެ ދިރިރުއުޅެން ފެށުމާއެކުު އެއް ބްރިޖްވަނީ އާއްމުކޮށް ބޭނުންކުރަން ހުޅުވާލާފައެވެ.
ހުޅުމާލެއަކީ ހިތްގައިމު މާޙައުލަކަށް ހެދުމަކީ ޕްލޭންކުރެވިގެން ޚާއްސަ އިސްކަމެއް ދީގެން އެޗްޑީސީން ކުރަމުންދާ މަސައްކަތެކެވެ.