ޚަބަރު

ކޯވިޑް-19 ދިފާޢު: 92،600މީހުން ވެކްސިންގެ 2 ޑޯޒް ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި 92،000އަށްވުރެ ގިނަ މީހުން ޖަހައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު އަންގާރަ ދުވަހު 3،963 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 2،546 މީހުންނާއި، މާލެ ޞަރަޙައްދުގައި ވެކްސިންގެ ދެވަނަ ޑޯޒްޖެހި 1،417 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 92،612އަށް އަރާފައެވެ.

އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 840 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 457 މީހުންނާއި، މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 383 މީހުންނެވެ. މިހާތަނަށް ރައްޖެއިންވަނީ 294،269މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލްގައެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.

ރާއްޖޭގައި 3ބާވަތުގެ ވެކްސިން އަންނަނީ ދެމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިންއާ، ސައިނޯފާމް އަދި ފައިޒާ ވެކްސިންއެވެ. ފައިޒާ ވެކްސިން ދެމުން އަންނަނީ ޚާއްސަ ހާލަތްތައްތަކުގައިވާ މީހުންނަށް އެކަންޏެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.