ޚަބަރު

12 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް، 15 ރަށެއް ފެށުމުގެ މަރުޙަލާގައި


ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ޒަމާނުއްސުރެ ރަށްރަށުގެ ރައްޔިތުން ސަރުކާރުގައި އެދެމުން އަންނަކަމެކެވެ. ދަތިތަކާއި ގޮންޖެހުން ބޮޑު މިމަސައްކަތް އެދެވޭގޮތުގައި ކުރިއަށް ގެންދިއުމަށް ވޭތުވެދިޔަ ސަރުކާރުތަކަށް ވަނީ އެންމެ އެދެވޭ ނަތީޖާ ނުނެރެވިކަމުގައި ވަރަށްގިނަ ރައްޔިތުން ބުނެއެވެ.

މިހާރުގެ ސަރުކާރުންވަނީ ރާއްޖޭގެ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސް ނިންމުމަށް ކާމިޔާބު މަސައްކަތްތަކެއް ފަށާފައެވެ. ސަރުކާރުގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމަށްވާ އެމްޓީސީސީއާއި އާރްޑީސީއާ ޙަވާލުކޮށްގެން ރަށްރަށުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ކޯވިޑް-19ގެ ޙާލަތު ވެގެން ގޮސްފައިވަނީ އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭނަށް ކޮންމެވސް ވަރެއްގެ މަޑުޖެހުމެއް އައި ސަބަބަކަށެވެ. އެހެންނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް މުޅިން ހުއްޓާނުލައި ހުރިހާ މަޝްރުޢެއްވެސް ދަނީ ކުރިއަށެވެ.

ސރުކާރުގެ އަމާޒަށް ވާޞިލްވުމުގައި އެމްޓީސީސީއާއި އާރްޑީސީގެ ދައުރު ބޮޑެވެ. މި ދެކުންފުނިން ވަނީ ކޯވިޑް-19ގެ އެންމެ ދަތި ދުވަސްވަރުވެސް އެކި މަޝްރޫޢުތައް ހުއްޓުނަނުދީ ކުރިއަށް ގެންގޮސްފައެވެ. މިވަގުތުވެސް ހއ.އިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. މިހާރުވެސް 12 ރަށެއްގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މިދެކުންފުނިން އަންނަނީ ހިންގަމުންނެވެ.

އެމްޓީސީސީއިން އަންނަނީ ބ.އޭދަފުއްޓާއި ފުވައްމުލައްސިޓީއާއި ލ.ފޮނަދޫއާއި އައްޑޫ ސިޓީ ހުޅުދޫއާއި މީދޫގެ އިތުރުން ގުޅިފައިވާ 4 ރަށާއި ހދ.ހަނިމާދޫއާއި ރ.އުނގޫފާރާއި އެއަތޮޅު ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތްކުރަމުންނެވެ.

އާރްޑީސީއިން އަންނަނީ ތ.ތިމަރަފުއްޓާއި ގދ.ގައްދުއާއި ށ.މިލަންދުއާއި އދ.މާމިގިލީގެ މަގުހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސަރުކާރުންވަނީ އިތުރު 7 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ބަޔަކަށް ކޮންޓްރެކްޓްކޮށް ޙަވާލުކޮށްފައެވެ. އަދި 7 ރަށެއްގެ މަގު ހެދުމަށް ބޭނުންވާ ޑިޒަންގެ މަސައްކަތް ނިންމައި އެމަސައްކަތް ބަޔަކާ ޙަވާލުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު ޕްރީޓެންޑަރިންގެ މަސައްކަތްކުރަމުން އަންނަ ރަށެއްގެ އިތުރުން 13 ރަށެއްގައި މަގުހެދުމުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުޙަލާގައެވެ. ސަރުކާރުގެ މަގުހެދުމުގެ މަޝްރޫޢޫގެ ދަށުން މިހާރު ހުޅުލޭގެ މަސައްކަތްވަނީ މުޅިން ނިމިފައެވެ.

ކުރިއަށްއޮތް އަހަރުތެރޭގައި މިހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް މުޅިން ނިންމުމަށް އަންނަނީ މިހާރު މަސައްކަތްކުރަމުންނެވެ. މަގުތައް ހެދުމުގެ މަސައްކަތްކުރަނީ ޒަމާނީ ވައްޓަފާޅިއަށް ނަރުދަމާއާއި ފެން ގުޅޭނެ އިންތިޒާމާއެކުގައެވެ. މީގެ ސަބަބުން ރަށްރަށަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި ރަނގަޅު ނަރުދަމާ ނެތުމުގެ މައްސަލައަށްވެސް ޙައްލުލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.