ޚަބަރު

އެސްޖޭއަށް ކުރީ ސަރުކާރުން ދިން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް


ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

ބަންޑާރ ނާއިބުގެ އޮފީހުން ވިދާޅުވީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ މިދިޔަ ހޯމަ ދުވަހުކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ބަލައިގެންފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަށް ކުރީ ސަރުކާރުން ދީފައިވާ އެޑްވާންސް 30 މިލިއަން ރުފިޔާ އަނބުރާ ހޯދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރާ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި މިސްކިތް ތަޅާލާ، އޮފީސް ބައިތަކާއެކު "ދާރުލް ޛިކްރާ" ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެސް.ޖޭ ކޮންސްޓްރަކްޝަނާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް އެކުންފުންޏާއި މިިދިޔަ ސަރުކާރުން ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާގޮތަށެވެ. މަޝްރޫއުގެ އަގަށް 130 މިލިއަން ރުފިޔާ ހަރަދުވާއިރު ދައުލަތުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަނަށް ދައްކަންޖެހެއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 25 މަސްދުވަހުން ނިންމާގޮތަށެވެ. އެހެންނަމަވެސް މަސައްކަތް ހަވާލުކުރިތާ އަހަރަކާއި ގާތްވިއިރުވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެކަމކު އޭރު އޮތީ ސަރުކާރުން ދޭންޖެހޭ 30 މިލިއަން ރުފިޔާ އޮތީ އެ ކުންފުންޏަށް ދީފައެވެ.

އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކޮށްފައިނުވާތީ ސަރުކާރުން ވަނީ މި އެއްބަސްވުން ބާތިލުކޮށްފައެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދުމަށް އެސްޖޭ ކޮންސްޓަރަކްޝަނުން ދައުލަތާއި ދެކޮޅަށްް ސިވިލްކޯޓުގައި ދައުވާކުރިއެވެ. އެހެންނަމަވެސް އެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަން އެނގޭކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ހިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.

ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭއާއި އެކު އެކުލަވާލި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެރިޕޯޓްގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ހެދުމަށް ކޮންޓްރެކްޓަރާއިއެކު ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ ކަންތަންތައް ފުރިހަމަކޮށްފައި ނުވާމަށެވެ. އަދި "ޒިކުރާ މިސްކިތް ތަރައްޤީކުރުމާއި ގުޅޭގޮތުން ހުށައަޅާ ކަރުދާސް"އާއި ކޮންޓްރެކްޓުގައި ހިމެނޭ މަޢުލޫމާތުތަކާއިވެސް ދިމާނުވާކަމަށެވެ.