މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ މާލޭ ސިޓީ އޮޑިޝަން އަންނަ ހޮނިހިރު ދުވަހު


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ މާލޭ ސިޓީގެ އޮޑިޝަން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ހާމަކޮށްފިއެވެ. މޯލްޑިވިއަން އައިޑަލްގެ މާލޭ ސިޓީގެ އޮޑިޝަން ކުރިއަށްދާނީ މާދަމައިން ފެށިގެން މިމަހުގެ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އަޑު ހިންގަމުން އަންނަ ރޭޑިއޯ ބިލްޑިންގައެވެ. އެގޮތުން މި ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ 16 އަހަރާއި 30 އަހަރާއި ދެމެދުގެ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެސް.އެމް.އެސް ނުކުރާ ފަރާތްތަކަށްވެސް އޮޑިޝަން ކުރިއަށްދާ ވަގުތު، ނަން ނޯޓުކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ.  މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ އަތޮޅުތަކުގެ އޮޑިޝަންތަކަށް ހީ ނުކުރާ ވަރުގެ ތަރުޙީބެއް ލިބިގެންދިޔަކަމަށެވެ. އަދި މާލޭ ސިޓީގެ އޮޑިޝަން ނިމުނުހާ އަވަހަކަށް އަތޮޅުތަކުން ހޮވުނު ބައިވެރިން މާލެ ގެނެސް، އައިޑަލްގެ ދެން ހުރި އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ޝާޔަން ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ޕީ.އެސް.އެމުން އޮންއެއަރކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންކަމަށާއި، އެކަމަށްޓަކައި އައިޑަލްގެ މުޅި ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބާއްވަނީ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި 2 އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ 3 ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ. މިި ޝޯވގެ އަތޮޅުތަކުގެ އޮޑިޝަންތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާފައިވާއިރު، ދެވަނަ އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި ތިން ވަނަ އޮޑިޝަން ޅ. ނައިފަރުގައި ކުރިއަށް ގެންގޮސްފައިވާއިރު، ހަތަރު ވަނަ އޮޑިޝަން ހދ. ކުޅުދުއްފުށީގައި ވަނީ ކުރިއަށްގެންގޮސްފައެވެ.