މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއި، މާލެ ސިޓީގެ މިހާރުގެ މޭޔަރު ސިފާ މުޙައްމަދު ބައްދަލުކޮށް އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގައި އޮތް މިބައްދަލުވުމުގައި މޭޔަރު ސިފާ މުހައްމަދުގެ އިތުރުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ބައިވެރިވެވަޑައި ގެންނެވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އިންތިޚާބީ މޭޔަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންތިހާބީ މޭޔަރާ މަގާމު ހަވާލުކުރުމުގެ ކަންކަމާ ގުޅޭ ގޮތުންނާއި، އިންތިޤާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކައި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
Malé City Mayor @SifaMohammed Deputy Mayor @schamau meets with the Mayor Elect Dr. @MMuizzu and discussed about the Transition Process. pic.twitter.com/YP4RFiqCHO
— Male' City Council (@MaleCitymv) April 25, 2021
އިންތިޤާލީ މަރުހަލާއާއި ގުޅޭގޮތުން ސިޓީ ކައުންސިލުން، އިންތިޚާބީ މޭޔަރާއި މަޝްވަރާކުރައްވާފައިވާއިރު، ސިޓީ ކައުންސިލުން މާލޭގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫޢުއަކަށް ކުރިއަށްދަނީ ޢާރުޑީސީއާއި ގުޅިގެން ކުރިއަށްގެންދާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ލާމަރުކަޒީ ނިޒާމަށް އަމަކުރަން ފެށީއްސުރެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތު، ނިމިދިޔަ އިންތިޚާބުގައި ނަގާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުގެ މަޤާމާއިއެކު 12 ގޮޑިއެއް ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައެވެ. 19 ގޮނޑި ހިމެނޭ މާލޭ ސިޓީން އެމްޑީޕީއަށް ލިބިފައިވަނީ 6 ގޮނޑިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދު ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ބުނެފައެވެ.
މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ. އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވަނީ %34.9 އެވެ.