ޚަބަރު

ކޯވިޑް-19 : އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 99އަށް


ކޯވިޑް 19 އޭދަފުށިން ކޯވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ސަތޭކައާ ގާތަަށް ޖެހިލައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ މެންދަމު 12 އިން ފެށިގެން މިރޭގެ 12 ޖެހުމާހަމައަށް އެރަށުން 49 މީހަކު ކޯވިޑް 19އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ 99މީހުންނެވެ

ޕޮޒިޓިވްވި 49 މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޕޮޒިޓީވްވާ މީހުންނާ ކޮންޓެކްޓް ވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަދުވެސް 200 ވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
މިބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.