ޚަބަރު

ހިޔާ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް "ވިނަރެސް" ޕްރޮޖެކްޓުން ފުރުޞަތު


ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް ސަރުކާރުގެ ހައުސިންގ މަޝްރޫޢު "ވިނަރެސް"އަށް ކުރިމަތިލެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މިހާރު ވަނީ "ވިނަރެސް"ހައުސިންގ މަޝްރޫޢުއާގުޅޭ މަޢުލޫމާތާއި މި މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އަގުތައް އިޢުލާންކޮށްފައެވެ.

"ވިނަރެސް" ޕްރޮޖެކްޓްގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓްއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މި ޕްރޮޖެކްޓްގައި 4 ބާވަތެއްގެ ޔުނިޓްތައް ހިމެނެއެވެ. އެއީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މި ޕްރޮޖެކްޓްގެ މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލަން އެދޭ ފަންނީ މުވައްޒަފުންނަށް، މި ޕްރޮޖެކްޓްގެ ތެރެއިން ޔުނިޓް ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް ހައުސިންގ މިނިސްޓްރީއާއެކު ކުރިއަށްދާކަމަށް ސުހައިލް ވިދާޅުވިއެވެ.

" ބޭންކަކަށް ނުވަދެ ސީދާ އެޗްޑީސީއަށް ފައިސާ ދެއްކޭނެ ގޮތް ހަދަމުންދަނީ. އޭރުން އިންޓްރެސްޓް ރޭޓުތައްވެސް ކުޑަވާނެ. ހިޔާ ފްލެޓް ދޫކޮށްލާ ފަންނީ މީހުންނަށް މި ޕްރޮޖެކްޓުން ފުރުޞަތު ދޭންވަނީ ނިންމާފަ. އެކަމުގެ މަޝްވަރާތަށް މިނިސްޓްރީއާއެކު ކުރިއަށްދޭ، ނިމުނުހާ އަވަހަށް އިޢުލާންކުރާނަން." ސުހައިލް ވިދާޅުވިއެވެ.

މިޕްރޮޖެކްޓްގެ އަގުތައްވެސް އެޗްޑީސީން ވަނީ އިޢުލާނުކޮށްފައެވެ. މީގެތެރޭގައި ފައިސާ ދެއްކޭނެ އެކި ސްކީމްތައް ހިމެނެއެވެ. މެރީނާ ވިއުގައި ހިމެނެނީ 172 އެޕަރޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2732000 ރުފިޔާއާ 2600000 މިލިއަން ރުފިޔާއާ ދެމެދުގައެވެ. އައުޓަރ ވިއުގައި ހިމެނެނީ 372 އެޕަރޓްމަންޓްއެވެ. މި އެޕަރޓްމަންޓްތަކުގެ އަގަކީ 2705000 ރުފިޔާއާ 2600000 މިލިއަން ރުފިޔާއާ ދެމެދުއެވެ. އިނަރ ވިއުގައި ހިމެނެނީ 352 އެޕަރޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގަކީ 2679000 ރުފިޔާއާ 2600000 ރުފިޔާއާ ދެމެދުގެ އަގުތަކެވެ. އަދި ސްޓޭންޑަރޑް ވިއުގައި ހިމެނެނީ 448 ޔުނިޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2508000 ރުފިޔާއާ 2546000 ރުފިޔާއާ ދެމެދުގައެވެ.

މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއުގެ އެޕަރޓްމަންޓްތަކަކީ 902 އަކަފޫޓުގެ ޔުނިޓްތަކެވެ. ސްޓޭންޑަރޑް ވިއު އެޕަރޓްމަންޓްތަކަކީ 883 އަކަފޫޓުގެ ޔުނިޓްތަކެވެ.

މި ޕްރޮޖެކްޓްގެ 46 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ. ކުރިން މިއަހަރުގެ އޮގަސްޓްމަހަށް ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް ޕްލޭންކުރި ނަމަވެސް، ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނައުމާއި ގުޅިގެން، މިހާރު މަޝްރުޢޫ ނިމޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މޭ މަހަށެވެ.

ބަދަލުތަކާއެކު މިހާރު އެ އިމާރާތްތަކުގައި ޕާކިންއާއި ކޮމާޝަވް ސްޕޭސް ހިމެނޭނެއެވެ. އަދި މި ޕްރޮޖެކްޓްގެ 10 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އޭޓީއެމްއެއްވެސް ހުންނާނެއެވެ.