ކުޅިވަރު

އީގަލްސްއިން ތާވަލްގެ 4ވަނައަށް ކުރިއަށް ޖެހިލައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް އީގަލްސްއިން ތާވަލްގެ 4ވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ލީގްގައި މިރޭ ކުލަބް އީގަލްސްއިންވަނީ ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ.

މެޗު ފަށައިގެން ރަގަނޅު ކުޅުމެއް ދައްކަމުން އައިސްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ކުލަބް އީގަލްސްއިންނެވެ. ތަޖްރިބާކާރު މިޑްފީލްޑަރު އައްސަދު އަލީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ އިމްރާން ނަޝީދު ބޮލުން ފޮނުވާލަން މަސައްކަތް ކުރިނަމަވެސް، އިމްރާންގެ ބޮލުގައި ބޯޅަ ރަގަނޅަށް ލައްވާލާވަރެއް ނުވިއެވެ. މެޗުގައި ޓީސީގެ ޑިފެންސްލައިން ފެނިގެން ގޮސްފައިވަނީ ވަރަށް ޑިސްއޯގަނައިޒްކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ކުލަބް އީގަލްސްއަށް މެޗުގެ 12ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފެވެ. މިއީ ތަޖްރިބާކާރު ކުޅުންތެރިޔާ އައްސަދު އަލީދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ކުލަބް އީގަލްސްއިން ލަނޑު ޖެހިނަމަވެސް ޓީސީއިންވެސް ދިޔައީ އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 35ވަނަ މިނެޓްގައި އޭރިޔާގެ ބޭރުން އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މުހައްމަދު އައްޒާމް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ތޯހާވަނީ ދިފާޢުކޮށްފައެވެ. އަދި އީގަލްސްއަށް ލީޑު ފުޅާކުރުމަށް އިބްރާހިމް ސައިފުﷲ އަށް ލިބުނު ބޯޅަ އޭނާ ފޮނުވަލި ނަމަވެސް އެބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ޓީސީގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ ކެޕްޓަން އައްޒާމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭރިޔާގެ ތެރޭގައި ހުރެފައި އައްޒާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފްގައި ޓީސީއިން އުފެއްދި ގިނަ ހަމަލާތައްވަނީ އީގަލްސްގެ ކީޕަރު ދިފާއުކޮށްފައެވެ. މެޗްގައި ކުލަބް އީގަލްސްއަށް ލީޑް ފުޅާކޮށްދިނީ އިމްރާން ނަޝީދު ޖަހައިދިން ގޯލުންނެވެ. އީގަލްސްއިން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ޓީސީއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗުގައި ޓީސީއަށް ލަނޑެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ބިދޭސީ ފޯވާޑް ސެމިއުލްއަށެވެ. ސެމިއުލް ފޮނުވާލީ ޕެނަލްޓީ ކުލަބް އީގަލްސްގެ ކީޕަރު މުހައްމަދު ޠަހާ ވަނީ ދިފާޢުކޮށްފައެވެ. މިޕެނަލްޓީ ޠަހާ ދިފާއުކުރުމަށް އުޅުމުގެ ތެރޭގައި ތަހާ ގައިގައި ޖެހިފައި ބޭރަށް ނިކުތްބޯޅަ، ދެވަނަ ފަހަރަށް ސެމިއުލަށް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް، އެފަހަރުވެސް ކީޕަރު ތަހާ ވަނީ ސެމިއުލްގެ ޝޮޓް ދިފާޢުކޮށްފައެވެ.

ކުލަބް އީގަލްސްއިން ތިން ލަނޑު ޖެހީ ކައުންޓަރ އެޓޭކްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 89ވަނަ މިނެޓްގައި މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދީނި މުހައްމަދު ނާއިމްއެވެ. މުހައްމަދު ޝާޒްލީގެ ކޯޗުކަމުގެ ދަށުން ކުލަބް އީގަލްސްއިން ލީގުގެ ދެވަނަ ބުރުގައި ކުރި ހޯދިނަމަވެސް ލީގްގެ ފުރަތަމަ ބުރުގައި ޓީސީގެ ކޯޗެއްގެ ގޮތުގައި ހުރެ ޝާޒްލީވަނީ އީގަލްސް 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

މެޗުން ލިބުނު 3 ޕޮއިންޓްއާއެކު ކުލަބް އީގަލްސް ލީގް ތާވަލްގެ 4ވަނައަށް ކުރިއަށް ޖެހިލާފައިވާއިރު، އެޓީމަށް 12 މެޗުން 16 ޕޮއިންޓް ލިބިފައިވެއެވެ. އަދި ދަ ގްރާންޑޭއަށް 14 މެޗުން 16 ޕޮއިންތް ލިބިފައިވެއެވެ. ދެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރު ވީނަމަވެސް، އީގަލްސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޓީސީ ސްޕޯޓްސް ކުލަބަށް ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމިފައިވާއިރު، އެޓީމް އޮތީ ލީގް ތާވަލްގެ 7 ވަނަގައެވެ. ޓިސީއަށް 14 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.