ޚަބަރު

މާންދޫ ކްލަސްޓަރއާ ގުޅިގެން ލ.ގަމާއި ފޮނަދޫވެސް މޮނިޓަރިންއަށް


މާންދޫ ކޯވިޑް ކްލަސްޓަރއާ ގުޅުންހުރި އިތުރު ކޭސްތަކެއް ފެނިގެން ލ.ގަމާއި އެއަތޮޅު ފޮނަދޫ މޮނިޓަރިންއަށް ލައިފިއެވެ. މިއާއެކު ގަމާއި ފޮނަދުއަށް އަރާފޭބުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ މަނާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަލީ ނަޝީދު ވިދާޅުވީ ހައްދުންމަތީ ގުޅިފައިވާ ރަށްތަކުގައި ކްލަސްޓަރއެއް އުފެދިފައިވަނީ ސިނާއީ މަސައްކަތްކުރާ މާންދޫއިން ފެނުނު ކޭސްތަކާ ގުޅިގެންކަމަށެވެ. މާންދޫއިން ފުރަތަމަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވެފައިވަނީ މާންދޫގައި މަސައްކަތްކުރާ 8 ބިދޭސީންނެވެ. މި ކޭސްއާ ގުޅިގެން ގަމުން ނެގި 3 ސާމްޕަލްއެއްވެސްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 2މީހުންނަކީ މާންދޫގައި މަސައްކަތް ކުރާ ގަމުގެ މީހުންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އިތުރު 40 ކޮންޓެކްޓުންގެ ސާމްޕަލް ނަގާ ޓެސްޓުކުރަމުންދާކަމަށެވެ. އަދި މި ފަރާތްތަކުގެ ނަތީޖާ ލިބިފައެއް ނުވެއެވެ. ބައެއް ސާމްޕަލް ޓެސްޓުކުރަނީ މާލެއަށް ފޮނުވައިގެންނެވެ.

މާންދޫއަކީ ސިނާޢީ މަސައްކަތްކުރާ ރަށަކަށްވުމާއެކު، ގަމާއި ފޮނަދޫގެ މީހުންވެސް އެރަށުގައި ދަނީ މަސައްކަތްކުރަމުންނެވެ. ފޮނަދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ ރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ރަށު ތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންދާކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ އެ އަތޮޅާ ކައިރި އަތޮޅުތަކުންވެސް ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. ކޯވިޑްގެ ޙާލަތާއެކުވެސް ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްގައި ކޯވިޑް މެޑިކަލް ފެސިލިޓީއެއްގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. ނަޝީދު ވިދާޅުވީ ކޯވިޑް ފެސިލިޓީގައި ތ.އަތޮޅު ކޯވިޑް ކްލަސްޓަރގައި ހިމެނޭ 3 މީހަކަށް މިވަގުތުވެސް ފަރުވާދެމުންދާކަމަށެވެ. ނަމަވެސް މާންދޫ ކްލަސްޓަރގައި މިހާތަނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދީފައެއް ނުވެއެވެ.