ކުޅިވަރު

ވީއޭއެމްގެ ކޯޗަސް ކޮމިޝަނަށް ޝުޢައިބު، ރެފްރީސް ކޮމިޝަނަށް ނަޝީދު


ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯޗަސް ކޮމިޝަންގެ ޗެއަރމަނަކަށް ޝުޢައިބު އަދި ރެފްރީސް ކޮމިޝަންގެ ޗެއަރމަނަކަށް އަހުމަދު ނަޝީދު އިންތިޚާބްކޮށްފިއެވެ.

މިދެ ކޮމިޝަންއަށް މެންބަރުން ހޮވުމަށް ކުރިއަށްގެންދިޔަ އިންތިޚާމުގައި ކޯޗަސް ކޮމިޝަންގެ ޗެއަރމަނަކަށް ޝުއެއިބު އަހުމަދު އިންތިހާބްކޮށްފައިވަނީ ފުރިހަމަ އަޣުލަބިއްޔަތަކާއެކު ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެއީ އެމަގާމަށް ޝުއެއިބު އެކަނި ކުރިމަތިލާފައިވުމުންނެވެ. ޝުޢައިބަށް 20 ވޯޓް ލިބިފައިވެއެވެ. ކޯޗަސް ކޮމިޝަނަށް ހޮވަންޖެހެނީ ހަ މެންބަރުންކަމުން ކުރިމަތިލާފައިވާ ހަމެންބަރުންވެސް ހޮވާފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. 20 ކޯޗުން ބައިވެރިވި މިއިންތިހާބްގައި ހުސެއިން ޝަރީފަށް 17 ވޯޓް، މުހައްމަދު ހަމީދަށް 16 ވޯޓް، މުހައްމަދު ނަދީމަށް 17 ވޯޓް، ފަތުހުﷲ ވަހީދަށް 18 ވޯޓް، މުމްތާޒު އަލީއަށް 18 ވޯޓް އަދި އަހުމަދު އަދީލަށް 19 ވޯޓް ލިބިފައިވެއެވެ.

ކޯޗަސް ކޮމިޝަންގެ ޗެއަރމަނަކަށް ހޮވުމަށްފަހު ޝުޢައިބު އަހުމަދު ވިދާޅުވީ މިހާރުގެ ޕްލޭނަކީ މުޅި ރާއްޖެ ތިން ބަޔަކަށް ބަހާލައިގެން ކޯޗުން ތަމްރީން ކުރުންކަމަށެވެ. އަދި ރާއްޖެއިން ބޭރުން ވެސް ކޯޗުން ރާއްޖެގެނެސް ލާމަރުކަޒީ އުސޫލުން ކައުންސިލްތަކާއި ގުޅިގެން ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާ އަތޮޅު ތެރޭގައިވެސް އިތުރު ކޯޗުން ތަމްރީންކުރުންކަމަށް ޝުޢައިބު ބުންޏެވެ.

"އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކާއި ވާހަކަދައްކައިގެން، އެކައުންސިލްތަކުގެ އެއްބާރު ލުމާއެކު ވީއޭއެމްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން މިހާރު މިހުރީ. މިހާރު ވިސްނުން ހުރީ އަތޮޅު ތެރޭގެ ކޯޗުން މާލެ ގެނެސް ތަމްރީނު ކުރުމުގެ ވިސްނުމެއްނޫން. އަޅުގަނޑުމެން އަތޮޅު ތެރޭގައި ވަކި ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތައް ވިސްނުން ހުރީ. މިތަމްރީންތަކުގައި ރާއްޖޭގެ ތިބި އެންމެ ފުންނާބުއުސް ކޯޗުން އަޅުގަނޑުމެން ބޭނުން ކުރަމުންދާނީ. އަދި ވީއޭއެމްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކޯޗުންވެސް މިޕްރޮގްރާމްތަކުގައި އަޅުގަނޑުމެން ބޭނުން ކުރަމުންދާނަން. އަދި މި އައު ދައުރާއެކު ކޯޗުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ އަތޮޅު ތެރޭގައި ތިބި ކޯޗުންވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ." ޝުޢައިބު ބުންޏެވެ.

ރެފްރީސް ކޮމިޝަންގެ ޗެއަރމަންކަމަށްވެސް ކުރިމަތިލާފައިވަނީ އަހުމަދު ނާޝިދު އެކަންޏެވެ. އެހެންކަމުން ނެގި ފެންނަ ނުފެންނަ ވޯޓްގައި އަހުމަދު ނަޝީދުއަށް 56 ވޯޓް ލިބިފައިވާއިރު ނުފެންނަކަމަށް 5 ވޯޓް ލިބިފައިވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓް ނުލާ 4 ރެފްރީއަކުވެއެވެ. ރެފްރީސް ކޮމިޝަންގެ މެންބަރުކަމަށް 6 ރެފްރީން ހޮވަންޖެހޭއިރު، މިކޮ،މިޝަނަށް 11 ރެފްރީއަކުވަނީ ކުރިމަތިލާފައެވެ.

65 ރެފްރީއަކު ވޯޓްލާފައިވާއިރު، އާދަމް ސިޔާދަށް 36 ވޯޓް، މުހައްމަދު އުނެއިސަށް 56 ވޯޓް، އަބްދުﷲ ޒުހުރީއަށް 45 ވޯޓް، މުހައްމަދު އަނީސަށް 45 ވޯޓް، ހުސެއިން ހަމީދަށް 29 ވޯޓް، ހައްވާ އަބްދުލް މަޖީދަށް 24 ވޯޓް، އިސްމާޢީލް ރަޝީދަށް 9 ވޯޓް، މުހައްމަދު ހަމީދަށް 18 ވޯޓް، އަހުމަދު ސަލީމަށް 51 ވޯޓް އަދި ޢަލީ ޝާކިރަށް 23 ވޯޓް އަދި މުހައްމަދު ސާމިންއަށް 44 ވޯޓް ލިބިފައިވެއެވެ. ރެފްރީސް ކޮމިޝަންގެ މެންބަރުކަމަށް ހޮވިފައިވަނީ މުހައްމަދު އުނެއިސް، އަހުމަދު ސަލީމް، އަބްދުﷲ ޒުހުރީ، މުހައްމަދު އަނީސް، މުހައްމަދު ސާމިން އަދި އާދަމް ޝިޔާދުއެވެ. ރެފްރީސް ކޮމިޝަންގެ ޗެއަރމަނަށް ހޮވުމަށްފަހު އަހުމަދު ނާޝިދު ވިދާޅުވީ މިހާރު އެންމެ ބޮޑު އަމާޒަކީ ރެފްރީންގެ އަދަދު އިތުރުކޮށް، ރެފްރީންގެ ފެންވަރު މަތިކުރުމަށް އިތުުރު ތަމްރީނު ފުރުސަތު ރެފްރީންނަށް ހޯދައިދިނުންކަމަށެވެ. މިގޮތަށް ޕްލޭންތައް ރޭވި، ގިނަ ކަންތަކެއް މިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަހުމަދު ނާޝިދު ބުންޏެވެ.

"އަޅުގަނޑުމެންގެ ވަރަށް ބައިވަރު ރެފްރީންތަށް އެބަތިބި ރަށްރަށުގައިވެސް، އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވަނީ ރަށްރަށުގައި ތިބި ރެފްރީންނަށް އަމަލީ ގޮތުން ރެފްރީކަން ކުރުމުގެ ފުރުސަތު ނެތީ. އެސޯސިއޭޝަންގައި އެބަހުރި ރަށްރަށުގައި ކުރިއަށްގެންދާ މުބާރާތްތަކެއް ރޭވިފަ. މިމުބާރާތްތަކުގައި އަޅުގަނޑުމެން ބޭނުން ކުރާނީ މިރަށްރަށުގައި ތިބި ރެފްރީންތަށް. އެހެންވީމަ މިމުބާރާތްތަކާއިއެކު މިރެފްރީންނަށްވެސް ފުރުސަތު ލިބި، ރެފްރީންގެ ފެންވަރުވެސް މަތިވެގެންދާނެ. މީގެ އިތުރުންވެސް ރެފްރީންގެ ކުރިއެރުމަށް ބޭރުގެ އެކިއެކި ފެޑެރޭޝަންތަކާއި ވާހަކަދެކެވިގެން ރެފްރީންނަށް އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް މިހާރުވެސްވަނީ ރޭވިގެން ގޮސްފަ." އަހުމަދު ނާޝިދު ބުންޏެވެ.