ކުޅިވަރު

ލީގުގައި ގަދަ ހައެއް ޔަގީން ކުރުމަށް ދަ ގްރާންޑޭ ބަލިކުރަންޖެހޭ: ޝާޒްލީ


ލީގުގެ ދެވަނަ ބުރު ނިމޭއިރު ގަދަ 6 އެއްގައި އޮތުމަށް ޓީސީގެ މައްޗަށް ކުރި ހޯދުން މުހިންމުކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

މިރޭ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރާއިރު، މިމެޗް ވާނީ ލީގުގެ ދެވަނަ ބުރުގައި ޓީސީއިން ކުޅޭ އެންމެ ފަހު މެޗަށެވެ. ނަމަވެސް ކުލަބް އީގަލްސްއަށް ލީގުގެ ދެވަނަ ބުރުގައި އަދި ބާކީ 3 މެޗް އެބައޮތެވެ.

މެޗަށް ނިކުތުމުގެ ކުރިން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ލީގުގެ ދެވަނަ ބުރުގައި ބާކީ ތިން މެޗް އޮތުމާއި އޭއެފްސީ ކަޕްގެ މެޗްވެސް އޮތުމުން، އެހެން ޓީމުތަކުގެ ހާލަތަށް ވުރެއް ޓީސީއަށް މިއޮތީ މުޅިން ތަފާތު ހާލަތެއްކަމަށެވެ. ޓީސީއަށް ލީގުގެ މެޗުތައްވެސް ވަރަށް މުހިންމުކަމަށާއި، ކުރިއަށް އޮތް އޭއެފްސީ ކަޕްގެ މެޗުވެސް ޓީސީއަށް މުހިންމުކަމަށް ޝާޒްލީ ބުންޏެވެ.

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅޭނެ ދުވަހެއް އޭއެފްސީއަށް ނިންމުމުގައި އުދަގޫތަކެއް ދިމާވެފައިވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބައެއް އެއަރލައިންތަކުން ބަނގްލަދޭޝްއަށް ކުރާ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން، ޑާކާ އަބަހާނީއަށް ދަތުރުފަތުރު ކުރުމުގައި އުދަގޫތަކެއް ހުރުމުގެ ސަބަބުންކަމަށް މަޢުލުމާތު ލިބެއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު މާޒިޔާ ބަލިކޮށް އީގަލްސްއިން ކާމިޔާބުކުރިނަމަވެސް، ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްއަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ލީގެ ދެވަނަ ބުރުގައި ކުލަބް އީގަލްސްއިން ކުޅުން ރަގަނޅުކޮށް މިހާރު ރަގަނޅު ނަތީޖާތަކެއްވެސް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޯޗް ޝާޒްލީބުނީ މިވަގުތު ޓީމް އޮތް ހާލަތަށް ބަލާފައި އެންމެ ހިތްހަމަ ނުޖެހުނަސް، ޓީމުން ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށާއި ލީގުގެ ދެވަނަ ބުރުގެ ފަހުކޮޅުގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ. އަދި ޓީމްގެ ކުޅުންތެރިންގެ ފަރާތުން މިހާރު ފެންނަމުންދާ ކުޅުމާއި ދޭތެރޭގައި ވަރަށް ހިންހަމަޖެހޭކަމަށްވެސް ކޯޗް ޝާޒްލީ ބުންޏެވެ.

"މިވަގުތު ވަރަށް މުހިންމު ލީގުގެ ގަދަ 6އެއްގެ ތެރެއަށް ވަނުން. ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ހަވާލުވި ހިސާބުންވެސް ލީގުގެ ގަދަ 6 އެއްގެ ތެރެއަށް ވަނުމަކީ ވަރަށް ބޮޑު އަމާޒެއް. އެހެންވީމަ ޓީސީއާއ ދެކޮޅަށް ކުޅޭ މެޗަކީ ގަދަ 6އެއްގެ ތެރެއަށް ވަނުމަށް ވަރަށް މުހިންމު މެޗެއް. މިމެޗުން މޮޅުވެގެން ނޫންގޮތަކަށް އިތުރަށް ކުރިއަށް ދެވޭކަން ނެތް. އެހެންކަމުން މިމެޗުން މޮޅުވެގެން، ލީގުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ. މިއަހަރުގެ ސީޒަންގެ ކުރީކޮޅުގައި ޓީމަށް ދިމާވި ކަންތައްތަކުން ލީގުގެ ފަހަތަށް ޓީމު ވެއްޓުނު ނަމަވެސް، އީގަލްސްއަކީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް. އަބަދުވެސް އެކަން ބާއްވަން ބޭނުންވަނީވެސް މިގޮތަށް. ގަދަ 6އެއް ޔަގީންކުރަން ޓީސީގެ މައްޗަށް ކުރި ހޯދަންޖެހޭ." ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.