ކުޅިވަރު

ލީގުގެ ދެވަނަ ބުރުގައި ރަގަނޅު ހިސާބެއްގައި އޮތުމަށް އީގަލްސް ބަލިކުރަންޖެހޭ: ނިޒާމް


ލީގުގެ ދެވަނަ ބުރު ނިންމާލާއިރު، ދިރާގު ދިވެހި ޕްރިމިއަރ ލީގު ތާވަލްގައި ރަގަނޅު ހިސާބެއްގައި އޮތުމަށް ކުލަބް އީގަލްސް މެޗުން 3 ޕޮއިންޓް ވަރަށް މުހިންމުކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކުލަބް ކުޅޭ އެންމެ ފަހު މެޗްގައި ކުލަބް އީގަލްސްއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމްބުނީ މިހާރު ލީގު ތާވަލްގައި ޓީމުތައް ހުރިގޮތުން މިއީ ވަރަށް މުހިންމު 3 ޕޮއިންޓުކަމަށާއި މިމެޗުން 3 ޕޮއިންޓް ހޯދުމަށް ޓީސީގެ ކުޅުންތެރިންވެސް ވަރަށް ރަގަނޅަށް ތައްޔާރުވެފައިވާކަމަށް ނިޒާމް ބުންޏެވެ. ނިޒާމްބުނީ މީގެ ކުރިން ޓީސީއިން ކުޅެފައިވާ މެޗްތަކުން ރަގަނޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، މިމެޗްގައި ވަރަށް ބޮޑުތަނުން ޓީމް ރަގަނޅަށް ފެނިގެންދާނެކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. އަދި އީގަލްސް މެޗަށް ނިކުންނައިރު ޓީސީގެ ގޭމަށް ވަރަށް ބޮޑު ބަދަލުތަކެއް ފެނިގެންދާނެކަމަށްވެސް ކޯޗް ނިޒާމް ބުންޏެވެ. މިހަފްތާގައި ކުރި ފަރިތަކުރުންތަކަށްފަހު، މިމެޗަށް ޓީމު އޮތީ ވަރަށް ރަގަނޅަށް ތައްޔާރުވެފައިކަމަށާއި މިމެޗްގެ މުހިންމުކަން ޓީމުގެ ކުޅުންތެރިންނަށްވެސް މިހާރު ބުނެދީފައިވާނެކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. އަދި އީގަލްސް ޓީމަކީ އެއްވެސްވަރަކަށް ބަލި ޓީމެއް ނޫންކަމަށާއި އެއީ ވަރުގަދަ ޓީމެއްކަމަށްވެސް ކޯޗް ނިޒާމް ބުންޏެވެ.

"އީގަލްސް ޓީމަކީ ބަލި ޓީމެއް ނޫން. އެއީ ވަރަށް ގިނަ ދުވަސްވަންދެން އެއްކޮށް ކުޅެމުން އައިސްފައިވާ ޓީމެއް އީގަލްސް ޓީމަކީ. ވަރަށް ތަޖްރިބާކާރު އަދި ވަރަށް ޓެކްނިކަލީ ގޮތުންވެސް މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކުލަބް އީގަލްސްއަކީ. އެޓީމް އޭއެފްސީ ކަޕަށް ތައްޔާރުވާން ފެށި ހިސާބުން، ޓީމުގެ ކުޅުންތެރިންގެ ހިއްވަރަށް ވަރަށް ބޮޑު ބަދަލްތަކެއް އައިސްފައިވަނީ. ޓީމް އެކަތިގަނޑަށްކަށްވެ، އެއް ރޫހެއްގައި މަސައްކަތް ކުރާތަން ފެނިގެންދޭ. ވަރަށް ބޮޑުތަނުން ކުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލް ގެނެސްފައިވާކަން ފާހަގަކޮށްލެވޭ. ގަބޫލެއް ނުކުރަން އޭއެފްސީ ކަޕް ކުރިމަތީގައި އޮންނަމަވެސް، އެޓީމުން މިމެޗަށް ދޭ ސަމާލުކަން ކުޑައެއް ނުވާނެ. ގަބޫލް ކުރަނީ މިއީ މިވަގުތަށް އެޓީމަށް އެންމެ މުހިންމު މެޗުކަމަށް." ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމްބުނީ އެންމެ ފަހުން ލީގުގައި މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗްގައި ހެދުނު ގޯސްތަށް ރަގަނޅުކޮށް، ކުލަބް އީގަލްސްއިން އެންމެ ފަހުން ލީގުގައި ގްރީންއާއި ދެކޮޅަށް ކުޅުނު މެޗްގައި އެޓީމުގެ ބަލި ފައިތަކަށް ބަލާ، ޓީސީއިން ނިކުންނާނީ މެޗުން މޮޅުވާންކަމަށް ނިޒާމް ބުންޏެވެ.