ޚަބަރު

ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން މުހިއްމު: މިނިސްޓަރ ޔުމްނާ


ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ. މިނިސްޓަރ ޔުމްނާ މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައެވެ.

މި އަހަރުގެ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ ޝިޢާރަކީ "ވާހަކައެއް ޙިއްޞާކޮށްލަމާ" ނުވަތަ "ޝެއާރ އަ ސްޓޯރީ" މިއެވެ.

މިދުވަހުގެ މުނާސަބާގައި މިނިސްޓަރ ޔުމްނާ ފޮނުއްވެވި މެސެޖްގައި، މިއަހަރުގެ މިދުވަސް ރަމަޟާންމަހުގައި ބައްދަލުކުރުމުގެ ސަބަބުން ކީރިތި ޤުރުއާން ގިނަގިނައިން ކިޔަވައި އެ ފޮތުގައިވާ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ކޯވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޔުމްނާ ވަނީ މިއާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން ފޮތް ކިޔުމަށް ވަގުތު ލިބި ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯދުމަށް ގޮވާލައްވާފައެވެ.

ފޮތްކިޔުމަކީ އައު ކަންކަމަށް އިންސާނާ ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ މަސްދަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުން މުހިއްމުކަމަށެވެ. މިފަދަ ދުވަސްވަރެއްގައި ފޮތް ކިޔުން އިތުރުކޮށް މިކަމުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޭގައި ތިއްބަވާއިރު އަމިއްލައަށް ފޮތް ކިޔުމުގެ އިތުރުން އާއިލާގެ އެހެން މެންބަރުންނަށްވެސް ފޮތް ކިޔުމަށް ބާރުއެޅުއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އޭޕްރީލް މަހުގެ 23 ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހެވެ. މިދުވަހުގެ މުނާސަބާގައި މިނިސްޓްރ ޔުމްނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހްއަށާއި ދިވެހި ފޮތް ލިއުއްވާ ލިޔުންތެރިންނާއި، ކުތުބުދާރުންނާއި، ޝާއިރުންނާއި، މުސައްނިފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ކުތުބުޚާނާތައް ހިންގަވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވައި، ފޮތްތެރިކަމަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.