ކުޅިވަރު

ވެލެންސިޔާ ބަލިކޮށް ޔޫވީއިން ޖެހިޖެހިގެން 3ވަނަ މޮޅު ހޯދައިފި



ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ފުލުގައިވާ ޔުނައިޓަޑް ވިކްޓްރީއިން ފަހަތުން އަރާ ތާވަލްގެ ދެވަނައިގައިވާ ކުލަބް ވެލެންސިޔާ ބަލިކޮށް ޖެހިޖެހިގެން 3ވަނަ މޮޅު ހޯދައިފިއެވެ. ލީގުގައި ރޭ ޔޫވީއިން ވެލެންސިޔާގެ މައްޗަށް ކުރި ހޯދީ 3 ލަނޑު 1 ލަނޑުންނެވެ.

ލީގް ފެށިގެން ފުރަތަމަ 11 މެޗުންވެސް ޔުނައިޓަޑް ވިކްޓްރީއަށް މެޗަކުން މޮޅެއް ވެވޭގޮތެއް ނުވިއެވެ. ނަމަވެސް ލީގްގެ ދެވަނަ ބުރުގައި ޔޫވީއިންވަނީ ޖެހިޖެހިގެން 3 މެޗް ކާމިޔާބުކޮށްފައެވެ. އެއީ ދަ ގްރާންޑޭ، ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އަދި ރޭ ކުލަބް ވެލެންސިޔާގެ މައްޗަށްވަނީ ކުރި ހޯދާފައެވެ. އެންމެ ފަހުން ކުލަބް ވެލެންސިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގައި ގައުމީ ޓީމްގެ ކެޕްޓަން އަކްރަކް އަބްދުލް ޣަނީއަށް ދެ ކާޑް ހަމަވުމުގެ ސަބަބުން ކުޅެވޭގޮތް ނުވިނަމަވެސް، މިމެޗްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އަކޫވަނީ ކުޅެފައެވެ. އަދި ސަސްފެންޝަންގެ ސަބަބުން ޔޫވީއިން އެންމެ ފަހުން ކުޅުނު މެޗްގައި ނުކުޅެވުނު ބިދޭސީ މިޑްފީލްޑަރު އަނަޓޯލީވެސްވަނީ ޔޫވީގެ ފުރަތަމަ އެގާރައިގެ ތެރޭގައި ހިމެނިގެން މިމެޗްގައި ކުޅެފައެވެ. މެޗްގެ ފެށިގެން ޔޫވީއިން ރަގަނޅު ކުޅުމެއް ދެއްކިނަމަވެސް، މެޗްގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ވެލެންސިޔާގެ ބިދޭސީ ފޯވާޑް ބޯހަސް މާޓިން ބޯޅަ ގޯލް ތެރެއަށް ވައްދާލި ނަމަވެސް، ބޯހަން އޮފްސައިޑްގައި ހުރުމުން އެއީ ގޯލެއް ނޫންކަމަށް ރެފްރީވަނީ ނިންމާފައެވެ. މެޗްގެ 16ވަނަ މިނެޓްގައި ޔޫވީގެ ޓޯނީ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް އެބޯޅަ ވެލެންސިޔާގެ ކީޕަރު މުހައްމަދު ފައިސަލްވަނީ މަތަކޮށްފައެވެ. ދެ ޓީމުންވެސް ގޯލް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ މިމެޗްގައި ވެލެންސިޔާގެ ކެޕްޓަން އަކްރަމް ފޮނުވާލި ހިލޭ ޖެހުން ޔޫވީގެ ކީޕަރު އަލީ ނާޖިހު ވަނީ ވަރަށް ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗްގައި އެންމެ ފުރަތަމަ ލީޑްނެގީ ކުލަބް ވެލެންސިޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބޯހަސްއެވެ. ވެލެންސިޔާގެ މިލަނޑަށްފަހު ޔޫވީއިން ގޯލެއް ޖެހުމަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އެގޮތުން ވެލެންސިޔާއި ލީޑް ނެގިތާ މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑް ވިކްޓްރީއިން ވަނީ ލަނޑެއްޖަހާ ފަހަތުން އަރާ އެއްވަރުކޮށްފައެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން ޔޫވީއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ)އެވެ. ފުރަތަމަ ހާފްގެ މެދަކާއި ހިސާބުން ކުލަބް ވެލެންސިޔާގެ ކީޕަރު މުހައްމަދު ފައިސަލްއަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާވަނީ ބަދަލްކޮށްފައެވެ. ފައިސަލްގެ ބަދަލްގައި ކުޅެން އަރާފައިވަނީ މުހައްމަދު ޝާފީއުއެވެ. މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗްގައި ވެލެންސިޔާއަށް އަލުން ލީޑް ނަގައިދޭން އަކްރަމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއްނުވިއެވެ. ގޯލްގެ ތިރީކަނަށް އަކްރަމް ޖެހި ބޯޅަ ޔޫވީގެ ކީޕަރުވަނީ އަލީ ނަޖާހްވަނީ ދިފާޢުކޮށްފައެވެ. މެޗްގެ ފުރަތަމަ ފަހަރަށް ޔުނައިޓަޑް ވިކްޓްރިއަށް ލީޑްނަގައިދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ތަޖްރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބޮލުން ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ޔޫވީއިން މޮޅު ކުޅުމެއް ދެއްކިއެވެ. އަދި އެޓީމްގެ އިސްމާއީލް އީސަ އާއި ޓޯނީއަށް ގޯލް ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ 70ވަނަ މިނެޓާއި 73ވަނަ މިނެޓްގައި ވެލެންސިޔާގެ ކެޕްޓަން އަލީ އަޝްފާގަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިދެ ފުރުސަތުގެވެސް ހުރަހަކަށްވީ ޔޫވީގެ ގޯލް ކީޕަރު ނަޖާހުއެވެ.

މެޗްގައި ޔުނައިޓަޑް ވިކްޓްރީގެ ލީޑް ދެ ލަނޑަށް ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޓޯނީއެވެ. ޔޫވީއަށް ލިބުނު ހިލޭ ޖެހުން ޓޯނީ ފޮނުވާލިއިރު، ވެލެންސިޔާގެ އޭރިޔާގެ ތެރޭހައި ޖެހިފައި ދިޔަ ބޯޅަ ގޮސްވަނީ ގޯލްގެ އަތިމަރީ ކަނަށެވެ.

މިމެޗުން ކުލަބް ވެލެންސިޔާ ބަލިވުމާއި ގުޅިގެން ތާވަލްގެ އެއްވަނަގާއި 31 ޕޮއިންޓާއެކުވާ މާޒިޔާއާއި ދެމެދުގައިވާ ފަހަރު 4 ޕޮއިންޓަށް ކުޑަކުރުމަށް ލިބުނު ފުރުސަތު ވެލެންސިޔާއަށް މިވަނީ ގެއްލިފައެވެ. މިހާރު ތާވަލްގެ ދެވަނާގައި ކުލަބް ވެލެންސިޔާ އޮތީ 24 ޕޮއިންޓްއާއެކުއެވެ. ރޭގެ މެޗުން މޮޅުވި ޔުނައިޓަޑް ވިކްޓްރީވަނީ ލީގްގައި ފުރަތަމަ ފަހަރަށް ތާވަލްގެ އެންމެ ފުލުން އަރައިގަނެފައެވެ. އެޓީމަށް 14 މެޗުން ބާރަ ޕޮއިންޓް ލިބިފައިވާއިރު، ޔޫވީ މިހާރު އޮތީ ތާވަލްގެ 7ވަނައިގައެވެ. ނަމަވެސް މިރޭ ސަސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗުން ސަސް ބަލިނުވެ މެޗް ނިންމާލައިފިނަމަ، އަނެއްކާވެސް ތާވަލްގެ އެންމެ ފުލަށް ޔޫވީ ވެއްޓޭނެއެވެ.