ޚަބަރު

އެމްއޭސީއެލްގެ ވެކްސިން ސެންޓަރުން ވީއައިއޭގެ މުވައްޒަފުންނަށް ވެކްސިން ޖެހޭނެ


މޯލްޑިވްސް އެއާ ޕޯޓު ކޮންޕެނީ ލިމިޓެޑު (އެމް.އޭ.ސީ.އެލް)ގެ ވެކްސިން ސެންޓަރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް ކޮވިޝީލްޑުގެ 2ވަނަ ޑޯޒު ޖެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ އެކި މުއައްސަސާތަކުގެ ފާސްއޮތް މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރޭގަނޑު 21:00އިން 23:00އަށް، އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށެވެ.

އެއާޕޯޓު މުވައްޒަފުން ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރަށް ދާއިރު އެއާޕޯޓު ފާސް، އައިޑީ ކާޑު އަދި ވެކްސިން ކާޑު ގެނައުމަށް ހެލްތް ޕޮރްޓެކްޝަން އެޖެންސީ އެޗް.ޕީ.އޭ އިން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މާލޭސިޓީ އާއި އަތޮޅުތެރޭގައި ވެކްސިން ސެންޓަރުތައް ޤާއިމްކޮށް، ވެކްސިން ޖަހަމުން ދާއިރު، މިހާތަނަށް ޖުމްލަ 287،171 މީހުން ފުރަތަމަ ޑޯޒު ޖަހާފައި ވާއިރު، 62،586 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ވޭތު ވެދިޔަ 24 ގަޑިއިރަށް ބަލާއިރު، މާލޭ ސަރަހައްދުން 352 މީހުން ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، ދެވަނަ ޑޯޒް ޖަހާފައިވަނީ 2957 މީހުންނެވެ. އަތޮޅު ތެރެއިން 1257 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 2812 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ދިވެހިރާއްޖޭގައި 3 ބާވަތުގެ ވެކްސިންދަނީ ޖަހަމުން ދެއެވެ. އެއީ ކޮވިޝީލްޑާ ސިނޯފާމް އަދި ފައިޒާ ވެކްސިންއެވެ.