ޚަބަރު

ރަށްރަށަށް ދާ މީހުންނަށް ފްލޫ ކްލިނިކުން ހިލޭ ޕީސީއާރް ހެދޭނެ


ރަށްރަށަށް ދިއުމަށް ޕީސީއާރް ޓެސްޓު ބޭނުންވާ މީހުންނަށް، ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނީ، އެރަށެއްގެ %60މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓަރގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ފާތިމަތު އަނާ ވިދާޅުވީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް، އާބާދީގެ %60އިން މައްޗަށް ދެވިފައިވަނީ 120ރަށުގައިކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާގޮތުން ކަރަންޓީންވުމަކާ ނުލާ ރަށަކަށް ދެވޭނީ، އެ ރަށެއްގެ އާބާދީގެ %60 މީހުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމައެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ނަމަވެސް އާބާދީގެ %60އަށް ދެވަނަ ޑޯޒްގެ ވެކްސިން ދީފައިވާ ރަށެއް އަދި ނެތެވެ.

އަދި އާބާދީގައި %60މީހުންނަށް ވެކްސިން ދީފައި ނުވާ ރަށްރަށަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު 2 ހަފްތާ ވެފައިވާ މީހުންނަށެވެ. ރަށްރަށަށް ދާއިރު ނެގެޓިވް ޕީސީއާރް ގެންދަންޖެހޭނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިންނާ، އަދި ސާމްޕަލް ޕޮޒިޓިވް ރޭޓް %5އިން މަތީގައި ހުރި ރަށަކުން، އެހެން ރަށަކަށް ދަތުރުކުރާ މީހުންނެވެ.

"ނަގާ ސާމަޕަލްއިން ޕޮޒިޓިވްވާ މިންވަރު %5އިން މަތީގަ ހުންނަ ރަށަކުން އެހެން ރަށަކަށް ދެވޭނީ ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ހިފައިގެން. އަދި ވެކްސިން ޝަރުތު ހަމަ ނުވާ މީހުންވެސް ނެގެޓިވް ޕީސީއާރް ބޭނުންވޭ. ރަށްރަށަށް ދާން ޕީސީއާރް ޓެސްޓް ހެދޭނެ ހިލޭ ފްލޫ ކްލިނިކްތަކުން. އެއީ މިހާރުވެސް ރިލީސް ސާމްޕަލް ނަގާ ކްލިނިކްތައް." އަނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ދިފާޢު ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ 1ވަނަ ދުވަހުއެވެ. އަދި ދެވަނަ ޑޯޒް ޖަހަން ފެށީ މިމަހުގެ 3ވަނަ ދުވަހުއެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 280،000އަށްވުރެ ގިނަ މީހުންވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 60،000މީހުންވަނީ ޖަހާފައެވެ.