ކުޅިވަރު

ގްރީން ބަލިކޮށް ތާވަލްގެ އެއްވަނާގައި މާޒިޔާއިން 7 ޕޮއިންޓްގެ ލީޑެއް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ތާވަލްގެ އެއްވަނާގައި މާޒިޔާއިން 7 ޕޮއިންޓްގެ ލީޑްއެއް ނަގައިފިއެވެ. މާޒިޔާއިން ގްރީން ސްޓްރީޓްސް ބަލިކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމޮޅާއެކު މިވަގުތު މާޒިޔާއަށް 7 ޕޮއިންޓްގެ ލީޑެއް ލިބެނީ އެޓީމް ކުޅުނު 13 މެޗުން 31 ޕޮއިންޓް ލިބިގެންނެވެ. ތާވަލްގެ ދެވަނާގައިވާ ކްލަބް ވެލެންސިއާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ނަމަވެސް މިރޭ ކުލަބް ވެލެންސިޔާ އާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލުކުރާ މެޗުން ވެލެންސިޔާ މޮޅުވެއްޖެނަމަ، އަނެއްކާވެސް މިފަރަގު 4 ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. މީގެ ކުރިން އެހެން ޓީމްތަކުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން، ޑިފެންސްކޮށްގެން ކުޅުނު ނަމަވެސް ގްރީންއިން މާޒިޔާއާއި ދެކޮޅަށް ކުޅެފައިވަނީ ވަރަށް ބޮޑަށް ކުރިއަރައިގެންނެވެ. ނަމަވެސް މެޗްގައި ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ މާޒިޔާއިންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއިން ގްރީންގެ ހާފްގެ ތެރޭގައި ގިނަ ވަގުތު ކުޅުނުނަމަވެސް، ގްރީންއިންވެސް ލިބޭ ފުރުސަތުގައި ދިޔައީ މާޒިޔާގެ ގޯލަށް ނުރައްކާކުރަމުންނެވެ. މެޗްގެ ކުރިންވެސް ދެ ޓީމްގެ ކޯޗުން މެޗް ފޯރިގަދަވާނެކަމަށް ބުނެފައިވެއެވެ. ރޭގެ މެޗްގައި ގިނަ ހަމަލާތެއް ފެނިގެންދިޔައިރު، މެޗްގައި ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ.

މެޗްގެ ވަރަށް ކުރީކޮޅުގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓާއި މުހައްމަދު އުމެއިރަށް ލިބުނު ފުރުސަތު ގްރީންގެ ކީޕަރު ހަނީފް ވަނީދިފާޢުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީންއަށް ގޯލް ޖެހުމަށް މާރަގަނޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ގްރީންގެ ކުޅުންތެރިން މެޗް ލަސްކުރަމުންދާކަމަށް ބުނެ މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ރޭގެ މެޗުކުރިޔަށްދިޔައިރު ރެފްރީ ޖާވިޒްވަނީ މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބެންޗުން ފޮނުވާލާނެ ކަމުގެ އިންޒާރުވެސް ދިފައެވެ.


ފުރަތަމަ ހާފްގައި އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާގެ މުހައްމަދު އުމެއިރަށެވެ. ނަމަވެސް ހިލޭ ޖެހުމަކުން ލިބުނު ފުރުސަތު އުމެއިރު ފޮނުވާލި ނަމަވެސް އެބޯޅަ އަމާޒްވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މިހިލޭ ޖެހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އުމެއިރުގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމާއި ގުޅިގެން، އުމެއިރުގެ ބަދަލްގައި ކުޅެންއެރީ ނާއިޒު ހަސަންއެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް ގޯލް ޖެހުމަށް މަސައްކަތްކުރިއެވެ. އެގޮތުން ގްރީންގެ ނަޒީމް ހަސަން ފައުލް ކުރިކަމަށް ބުނެ، ގްރީންއިން ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. ދެވަނަ ހާފްގައިވެސް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާއަށެވެ. އެގޮތުން މާޒިޔާގެ ކޯނޭއާއި ހަމްޒާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗްގެ 55ވަނަ މިނެޓްގައި ޖަޕާނުގެ މިޑްފީލްޑަރު ޓަކާސީ އޮޑަވާރާއެވެ. ނަތިޖާ ހަމަހަމަކުރުމަށް ގްރީންގެ އަންސަރު އިބްރާހީމްއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފަހު ހާފްގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު، ގްރީންގެ ރިޟްވާން ވަހީދު ބޯޅަ ނެތިސް އިބްރާހިމް އައިސަމްގައިގައި ޖެހުމުން ރެފްރީ ރިޟްވާނަށް ރީނދޫ ކާޑެއް ދެއްކުމުން، މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މެޗްގެ 88ވަނަ މިނެޓްގައި ލީޑް އިތުރަށް ފުޅާކުރުމަށް މާޒިޔާގެ ކޯނޭއަށް ލިބުނު ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް ގްރީންގެ ކީޕަރު ހަނީފް ސާގިބު ވަނީ އެ ބޯޅަ ދިފާޢުކޮށްފައެވެ. އަދި މެޗް ނިމެން ދެ ތިން މިނެޓަށްވެފައިވަނިކޮށް މާޒިޔާގެ ޕޯޒޯ ގްރީންގެ މުހައްމަދު ޖައިލަމަށް ފައުލް ކުރުމާއިގުޅިގެންވެސް މެޗް ހޫނުވެގެންދިޔައެވެ.

މެޗުން މޮޅުވިނަމަވެސް މާޒިޔާގެ ކޯޗް ހިތްހަމަނުޖެހޭކަން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. ރިސްޓޯ ވިޑަކޮވިޗްބުނީ މެޗްގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހޭކަމަށާއި ލީގް ޗެންޕިއަންކަން ހޯދަން ބޭނުންވާނަމަ، މިއަށްވުރެއް ރަގަނޅު ކުޅުމެއް މާޒިޔާއިން ދައްކަންޖެހޭކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނިޝްތާރު ބުނީ މިއީ ގްރީންއަށް ޕޮއިންޓެއް ހައްގު މެޗެއްކަމަށާއި މެޗްގެ އޮއިވަރު ނުގެއްލި މެޗް ކުރިއަށް ދިޔަނަމަ، މިއީ ގްރީންއަށް އެއްވަރުކޮށްލައިގެން ނިންމާލެވުނު މެޗްއަކަށްވީސްކަމަށެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗް 7 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ.