ކުޅިވަރު

ސަންކުއިކް ލިލީ އާއި ކޭޑީއެމް މެޗްތައް ކާމިޔާބުކޮށްފި


ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު މެޗްތައް ސަންކުއިކް ލިލީ އާއި ކޭޑީއެމް ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ މެޗް ޝުގާރ ކޯންއާއި ބައްދަލުކޮށް ސންކުއިކް ލިލީއިން މެޗް ކާމިޔާބުކޮށްފައިވަނީ 8 ވިކެޓުންނެވެ. ގުރު ދިމާވުމުން ޝުގާރ ކޯން ގަސްދުކުރީ ކުޅުމަށެވެ. ޝުގާރ ކޯން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 80 ލަނޑުއެވެ. ޝުގާރ ކޯންގެ އަލީ އިބްރާހިމް 24 ލަނޑު ހެދިއިރު އަހުމަދު ނީސާމް ނާސިރު 16 ލަނޑަށް 3 ވިކެޓްނެގިއެވެ. ޖަވާބުގައި ސަންކުއިކް ލިލީއިން ކުޅެންއަރާ 4.3 އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިން ނުބައިނުވެ 84 ލަނޑު ހެދިއެވެ. ސަންކުއިކް ލިލީގެ އަހުމަދު ހަސަން 36 ލަނޑު އަދި ހަސަން އިބްރާހިމް 29 ލަނޑުހެދިއެވެ.

ދެވަނަ މެޗް އެވިއާ މޯލްޑިވްސް އާއި ބައްދަލުކޮށް ކޭޑީއެމް މެޗް ކާމިޔާބުކުރީ 6 ވިކެޓުންނެއެވެ. އެވިއާ މޯލްޑިވްސް ފުރަތަމަ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 77 ލަނޑުއެވެ. އެވިއާ މޯލްޑިވްސްގެ އިސްމާއިލް ޒާހީ 17 ލަނޑުހެދިއެވެ. ޖަވާބުގައި ކޭޑީއެމް ކުޅެނައަރާ 5 އޯވަރުގެތެރޭގައި 81 ލަނޑުހެދިއެވެ. ކޭޑީއެމްގެ އާދަމް ނާސިފް އުމަރު 33 ލަނޑު ހެދިއިރު އަލީ ސުނާން އާއި ފާރިހް ކޮންމެ އުކުންތެރިއެއް އެއް ވިކެޓްނެގިއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަންބައިގައި މިއަދު ދެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކިންޒާކެފޭ އާއި ސަންކުއިކް ލިލީ އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ވެލްލެފްޓް އާއި ކޭޑީއެމްއެވެ.