ޚަބަރު

ގިނަ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރަނީ!


އަލިމަސްއުފާ ކާނިވާ އަދި ހާބަރު ސަރަހައްދުން ކެފޭ، ރެސްޓޯރެންޓް އަދި ސައިހޮޓާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ދޫކުރާ ފޯމްތަކާއި ގުޅިގެން ކުށުގެ ރިކޯޑް ސާފުކުރުމަށް ގިނަ ބަޔަކު ކްރިމިނަލް ކޯޓަށް ފޯމް ހުށަހަޅަމުންދާކަމަށް އެކޯޓުން ބުނެފިއެވެ. ކްރިމިނަލް ކޯޓުން ބުނީ ކާނިވާ އަދި ހާބަރު ސަރަހައްދުން ކެފޭ، ރެސްޓޯރެންޓް އަދި ސައިހޮޓާ ހިންގުމަށް ބޭނުންވާ ފަރާތްތަކުން ވޭތުވެދިޔަ 3 ދުވަހު ކުށުގެ ރެކޯޓް ސާފުކުރުމަށް އެދި ހާހަކާއި ގާތްކުރާ އަދަދަކަށް އެކޯޓަށް ފޯމް ހުށަހަޅާފައިވާކަމަށެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން މާލެ، ހުޅަނގު ހާބަރު ސަރަހައްދުންނާއި، އަލިމަސްއުފާ ކާނިވާ ސަރަހައްދުން ކެފޭ ރެސްޓޯރެންޓް ހިންގުމަށް ބިންތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިމަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގިނަބައެއްގެ އެދުމުގެ މަތިން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި  19 ނޮވެމްބަރު ހައުސިންގ މިނިސްޓްރީން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ހާބަރު ސަރަހައްދުންނާއި، ކާނިވާ ސަރަހައްދުން ކެފޭ ރެސްޓޯރެންޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހަޅާ ފޯމް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.