ފެބްރުއަރީ މަހުގެ 23ގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި އެންމެނަށް ދެވަނަ ޑޯޒް ޖަހައިދޭން ފަށައިފިއެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހާދޭން ފެށީ މިމަހުގެ 3 ވަނަދުވަހުއެވެ. މިހާތަނަށް ދެވަނަ ޑޯޒް ޖަހާދެމުން އައީ ފެބްރުއަރީ މަހުގެ އެކަކުން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
ކޯވިޑް-19ގެ ދިފާއި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށީ ފުރަތަމަ ޑޯޒް ފުރިހަމަ ކުރިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތައް ފަހުއެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިހާރު ދެމުން އަންނައިރު މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 24 ވަަދުވަހު ސިނޮފާމް ވެކެސްިންގެ ފުރތަމަ ޑޯޒް ނެގި މީހުންނަށްވެސް ވެކްސިންގެ ދެވަނަ ޑޯޒް އަންނަނީ ޖަހާދެމުންނެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލެރީއާއި ހުޅުމާލެ ފްލޫ ކްލިނިކާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރަށް ސެނަހިޔާގައެވެ. މީގެ ތެރެއިން ސޯޝަލް ސެންޓަރާއި އާރޓް ގެލަރީ އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޮންލައިންކޮށް ނަމްބަރު ދޫކޮށްގެންނެވެ. މި ސެންޓަރުތަކުގައި ވެކްސިން ޖަހާދެނީ ރޭގަނޑު 21:00 އިން 23:45 އަށެވެ. ވެކްސިން ޖަހަން ދާއިރު ވެކްސިން ކާޑާއި، އައި.ޑީ ކާޑް ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށްް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދިނުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ޤާއިމްކޮށްފައިވާ ވެކްސިން ސެންޓަރުން ވެކްސިން ޖަހާދޭނީ ރޭގަނޑު 21:00 އިން 23:00 އަށް އޮންލައިންކޮށް ނަމްބަރު ދޫކޮށްގެންނެވެ. ރޯދަ ނޫން މީހުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. ރޯދަނޫން މީހުންނަށް ޓްރީ ޓޮޕުން ވެކްސިން ޖަހާދެމުން އަންނަނީ ހެނދުނު 10 އިން މެންދުރު 12 އަށެވެ. ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެނީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4 ހަފްތާފަހުންނެވެ.
ރާއްޖޭގައި މިހާތަނަށް ދެލައްކަ އަށްޑިހަ ތިންހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 51،350 އަރާފައެވެ.
ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް 3 ވެކްސިނެއް ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވެއެވެ.