ޚަބަރު

ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މެޗް ޝުގަރކޯން ކާމިޔާބުކޮށްފި


ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުރަތަމަ މެޗް ޝުގަރކޯން ކާމިޔާބުކޮށްފިއެވެ.

ކޯވިޑް-19ގެ ސަބަބުން އަރަކަށްވުރެ ގިނަދުވަސްވަންދެން ކްރިކެޓްގެ އެއްވެސް ޙަރާކާތެއް ކުރިއަށް ނުގެންދެވި އޮތުމަށްފަހު މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ފުރަތަމަ މެޗް ޝުގަރކޯން ކާމިޔާބުކޮށްފައިވަނީ ކިންޒާ ކެފޭއާ ވާދަކޮށް 60 ލަނޑުގެ ތަފާތަކުންނެވެ.

މިމެޗްފެށުމުގެ ކުރިންވަނީ ދުބާއީގައި ނިޔާވި، ކުޅުންތެރިޔާ ޢަބްދުﷲ އިޔާދު (ލެއްގި)ނިޔާވުމުގެ ހިތާމާގައި ސުކޫތެއް ގެނެސްފައެވެ. އޭނާއަކީ ރާއްޖޭގެ 19 އަހަރުންދަށުގެ ކްރިކެޓް ޓީމުގެ ކެޕްޓަންކަންކޮށްފައިވާ ކުޅުންތެރިއެކެވެ.

މިމެޗްގެ ގުރު ދިމާވުމުން ޝުގަރކޯން ގަސްދުކުރީ ކުޅޭށެވެ. ޝުގަރކޯން ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 152 ލަނޑު ހެދިއެވެ. ޝުގަރކޯންގެ ޢަބްދުލްއަފީފް 19 ބޯޅައިން 33 ލަނޑު، ޢަލީ އިބްރާހިމް 13 ބޯޅައިން 34 ލަނޑު އަދި އަހުމަދު ސަރީފް 14 ބޯޅައިން 31 ލަނޑު ހެދިއެވެ. ޖަވާބުގައި ކިންޒާކެފޭ ކުޅެންއަރައި 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑުއެވެ. ކިންޒާ ކެފޭގެ އިވާން ޢާމިރު 16 ލަނޑުހެދިއެވެ.

މިމުބާރާތުގެ ދެވަނަ މެޗްގައި އެވިއާ މޯލްޑިވްސްއާ ބައްދަލުކޮށް ވެލްލެފްޓް މެޗް ކާމިޔާބުކުރީ 3 ވިކެޓުންއެވެ. އެއިވާ މޯލްޑިވްސް ފުރަތަމަ ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 84 ލަނޑު ހެދިއެވެ. މުޙައްމަދު ޝަދުހާން 20 ލަނޑު، ޖިލްވާޒް ރަޝީދު 21 ލަނޑު އަދި ޢަލީ ސުނާން ނުބައިނުވެ 17 ލަނޑު ހެދިއެވެ. ޖަވާބުގައި ވެލްލެފްޓް ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި 85 ލަނޑު ހެދިއެވެ. އެޓީމްގެ ޙުސައިން މަފާޒް 19 ލަނޑު، ޢަލީ ރާފިލް 18 ލަނޑު ހަދާފައިވެއެވެ. ފާރިހާއި ސުނާނުގެ ތެރެއިން ކޮންމެ އުކުންތެރިއަކު ދެވިކެޓް ނަގާފައިވެއެވެ.

މިމުބާރާތުގައި މާދަމާ 2 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޝުގަރކޯންއާއި ސަންކުއިކް ލިލީ އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެވިއާ މޯލްޑިވްސް އާއި ކޭޑީއެމްއެވެ.